އިންޑޮނޭޝިއާގެ ވެރިކަން ކުރާ ސިޓީ ބަދަލުކުރުމަށް ހަމަޖައްސަމުން ދާކަން އިންޑޮނޭޝިއާގެ ޕްލޭނިންގް މިނިސްޓަރު ހާމަކުރައްވައިފިއެވެ.

އިންޑޮނޭޝިއާގައި މިހާރު ވެރިކަން ކުރަމުން އަންނަނީ 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަކާޓާގައެވެ.

ޕްލޭނިންގް މިނިސްޓާ ބަމްގްބަންގް ބްރިޖޮނެގޯރޯ ވިދާޅުވީ، ވެރިކަން ކުރާ ސިޓީ ބަދަލުކުރުމުގެ މުހިންމު ނިންމެވުން ނިންމަވާފައި ވަނީ ރައީސް ޖޯކޯ ވިޑޯޑޯ ކަމަށެވެ.

އިންޑޮނޭޝިއާގެ ވެރިކަން ކުރާ ސިޓީގެ ގޮތުގައި އަލަށް ހަމަޖައްސަނީ ކޮން ސިޓީއެއްކަން އެގައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލިސްޓުގެ އެންމެ ކުރީގައި އޮތީ ބޯނިއޯގެ ޕަލާންގްކަރާޔާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑޮނޭޝިއާގެ ވެރިކަން ކުރާ ސިޓީ ބަދަލު ކުރުމަކީ ހޮޅިންގެ އަތުން 1945 މިނިވަންކަން ހޯދުމަށްފަހު އެގައުމުން ތަކުރާރުކޮށް ވިސްނަމުން އައި ކަމެކެވެ.

2016 ވަނަ އަހަރު ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވާއެއްގެ ނަތިޖާއެއް ދައްކާ ގޮތުން، މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑަށް އުޅަނދުތަކުން ތޮއްޖެހިފައިވާ މެގާ ސިޓީއަކީވެސް އިންޑޮނޭޝިއާގެ ވެރިކަން ކުރަމުން އަންނަ ޖަކާޓާއެވެ.

އިންޑޮނޭޝިއާގެ ޕްލޭނިންގް މިނިސްޓާ ވިދާޅުވީ ޖަކާޓާގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް އެގައުމުގެ އިގުތިސޯދުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 6.8 ބިލިއަން ޑޮލަރު ގެއްލިގެން ދާކަމަށެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޖަކާޓާ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ފާއިތުވީ 20 އަކަށް އަހަރުގެ ތެރޭގައި އެގައުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ހިންގަން ފަށާފައެވެ.

އުޅަނދުތަކުން ތޮއްޖެހުމުގެ މައްސަލައިގެ އިތުރުން ޖަކާޓާކައަކީ މުޅި ދުނިޔޭގައިވެސް އެންމެ ހަލުވި ކަމާއެކު ޣަރަޣުވެ ގަނބަމުންދާ ސިޓީއެވެ. ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރުއިރު ޖަކާޓާގެ ބޮޑު ބައެއް އޮންނާނީ އަޑިއަށް ގޮސްފައެވެ. ފާއިތުވީ 10 އަހަރަށް ބަލާއިރު ޖަކާޓާ ގެ ފަސްގަނޑުވަނީ ގާތްގަނޑަކަށް 8 ފޫޓު އަޑިއަށް ގޮސްފައެވެ. އަދި އަހަރަކު އެވަރޭޖުކޮށް 1-15 ސެންޓިމީޓަރާ ދެމެދު މިންވަރަކަށް އެ ސިޓީ ގަނބަމުންދާކަމަށްވެސް ހޯދުންތަކުން ވަނީ ދައްކާފައެވެ.