މުޅި މެދުއިރުމަތިން ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބަކަށް އައިސިސްގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރު އައިސިސްގެ ރާޑަރަށްވެސް ނާރާ އޮންނަ އެއް ސަރަހައްދަކީ ފަލަސްޠީނުގެ އަތުން ޔަހޫދީން ފޭރިގެންފައިވާ އިސްރާއީލެވެ. މިކަމާ ގުޅޭ ގޮތުން ތަފާތު އެކި މޭރުމުން ބަހުސްތައް ކުރެވެމުންދާއިރު ހަނދާނަށް ގެންނަންޖެހެނީ މީގެ 2 އަހަރެއްހާ ދުވަސްކުރިން، އިސްރާއީލުގެ ކުރީ ދިފާއީ ވަޒީރަކު ދެއްވާފައިވާ ބަސްތީގަތުމެކެވެ.

މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދެމުން އަންނަ މިޑްލް އީސްޓް އައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލާއި އައިސިސްއާ ދެމެދު ގުޅުންތަކެއް އޮންނަކަން އިސްރާއިލުގެ ދިފާއީ ވަޒީރުކަން ކުރައްވާފައިވާ މޫޝީ ޔާލޯން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މޯޝީ ނުވަތަ "ބޫޖީ" ޔާލޯންއަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދެ ން ދެކަށް ނަތަންޔާހޫގެ ސަރުކާރުގައި ދިފާއީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އިސްރާއީލުގެ ސަރުކާރުން ޔާލޯން ވަކިވެވަޑައިގަތީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އިސްރާއީލާ އައިސިސްގެ ގުޅުންތަކާ ބެހޭ ގޮތުން ޔާލޯން ފާޅުގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދެއްކެވީ އިސްރާއީލުގެ އުތުރުގައި އޮންނަ އަފޫލާގައި ކުރިއަށްދިޔަ އިވެންޓެއްގައެވެ. ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ އަލް ނުސްރާ ފްރަންޓަކީ ހަނގުރާމަވެރި އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ ޖަމާއަތަކަށް ވީ ނަމަވެސް އިސްރާއީލުން ވަނީ އެޖަމާއަތާވެސް ގުޅުން ބާއްވާފައެވެ. ނަމަވެސް އެއީ އެންމެންނަށް އެނގޭ ވާހަކައެކެވެ. އިސްރާއީލާ އައިސިސްއާއި ގުޅުން އޮންނަކަން ފުރަތަމަ ފަހަރަށް ކަށަވަރުވި މިއީ ފުރަތަމަ ފަހަރެވެ.

ޔާލޯން ވިދާޅުވާ ގޮތުގައި ސޫރިޔާ ހަނގުރާމާގައި ގިނަ ފެކްޝަންތަކެއް އެކުލެވެއެވެ. އެއީ ވެރިކަމުގެ ބާރާ، އީރާނާ، ރަޝިޔާގެ ފަޅިއާއި، އަލް ގައިދާއާއި އައިސިސްއެވެ. އަމިއްލަ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި މިއިން ކޮންމެބަޔަކާވެސް ޑިޕްލޮމެޓިކް ގުޅުމެއް ބާއްވަންޖެހެނީ ވަރަށް ޒިންމާދާރުކަމާއެކު ހުރިހާ ފެކްޝަނެއްގެ ދެމެދުގައި ބެލެންސްއެއް ބާއްވައިގެންކަމަށް ޔާލޯން ވިދާޅުވިއެވެ. މިތަނުން އެއް ފެކްޝަނުގެ ދިފާއުގައި އިސްރާއީލުން ތެދުވެއްޖެ ނަމަ އިސްރާއީލަކީ އަނެއް ފެކްޝަނުގެ މަސްލަހަތުގެ ތެރެއަށް ވަތް ބައެއްގެ ގޮތުގައި އޮންނާނެ ކަމަށާ، އިސްރާއިލުން ރަތް ރޮނގުތަކެއް ކަނޑައަޅަން ޖެހުނީ އެހެންވެ ކަމަށް ޔާލޯން ވިދާޅުވިއެވެ. އިސްރާއީލުގެ "އިސްތިގުލާލަށް" ހުރަސްއަޅާ ކޮންމެ ބަޔަކަށް އިސްރާއީލުން ރައްދު ދެމުންދިޔަ ކަމަށާ، އެންމެ ގިނަ ހަމަލާ އައީ ސުރިޔާގެ ސަރުކާރާ ވީ ފަޅިން ކަމަށްވެސް ޔާލޯން ވިދާޅުވިއެވެ. ނަމަވެސް އައިސިސް އައި ހިސާބުން ހަމަލާއެއް އަތުވެއްޖެ ނަމަ ކަން ހިނގާ ގޮތް ތަފާތެވެ. އައިސިސްއިން ހަމަލާއެއް ހަމާޒުވެއްޖެނަމަ އެކަމަށް މައާފަށް އެދިފައިވާކަން ޔާލޯން ވަނީ ފަހަގަކުރައްވާފައެވެ.

މިއިން ހަމަލާއެއްގެ ވާހަކައަކީ އިސްރާއީލުގެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާވެސް ވާހަކަތަކެއް ނޫނެވެ. މިލިޓްރީ ސެންސާޝިޕްގެ ދަށުން އެ ވާހަކައަށް ފަސްއަޅާ ފޮރުވާލައެވެ. އެކަން ފޮރުވަނީ ދެބައި މީހުންގެ ލަދަށް ކަމަށްވެސް ވެއެވެ.

މިކަމުންވެސް ދޭހަކޮށްދެނީ އިސްރާއީލަކީ އައިސިސްގެ ބައިވެރިއެއް ކަމެވެ. އާންމު ދިރިއުޅުމުގެ އާދަތަކަށް ވިސްނަވާށެވެ. ގާތް މީހަކަށް އަނިޔާއެއް ދެވިއްޖެނަމަ ކުރަނީ ކީއްތޯއެވެ. ބޭ އިހުތިޔާރުގައި ނަމަވެސް އެދެވެނީ މައާފަށެވެ. ދުޝްމިނިކަށް ދެރައެއް ދެވިއްޖެނަމަ އެކަމާ އަޅާވެސް ނުލާ ހުންނަނީއެވެ. ވީއިރު އައިސިސްއަކީ އިސްރާއީލުގެ އެކުވެރިއެއް ނޫންކަމަށް ބުނާނެ ފުރުސަތު ހަންޏެވެ.

ޔާލޯންގެ ވާހަކަފުޅުތައް މިފަދަ ގޮތަކަށް ހުރިއިރު ކޮލަމްބިއާ ޔުނިވާސިޓީގެ ޕްރޮފެސަރަކުވެސް ވަނީ އައިސިސްއާއި އިސްރާއީލަކީ އެއްބައެއްކަމުގައި ސިފަކުރައްވާފައެވެ.

ކޮލަމްބިއާ ޔުނިވާސިޓީ ޑިޕާޓްމަންޓް އޮފް މިޑްލް އީސްޓަން، ސައުތު އޭޝިއަން އެންޑް އެފްރިކަން ސްޓަޑީޒްގެ ޕްރޮފެސާ ހާމިދު ދިބާޝީ ވިދާޅުވާ ގޮތުގައި އިސްރާއީލާ އައިސިސްއިން ކުރަނީ އެއްކަމެކެވެ. ބިންތައް ހިފާ އައިސިސްގެ ޚިލާފަތު އިއުލާން ކުރަމުން ދާއިރު އިސްރާއީލުން ބިންތައް އިސްތިއުމާރު ކުރަމުންދާކަމަށް ޕްރޮފެސާ ދިބާޝީ ވަނީ ވިދާޅުވެފައެވެ.

އައިސިސްއާއި އިސްރާއީލުގެ ތަފާތަކީ އައިސިސްގެ ފިކުރުތައް ފާޅުގައި ޕްރޮމޯޓް ކޮށްދިނުމަށް އާންމު އޭޖެންޓުން ނުތިބޭކަން ކަމަށާ، އިސްރާއީލަށް ފާޅުގައި ވާގިދޭ ނޫސްވެރިން ތިބޭކަން ކަމަށެވެ.