ހައްދުފަހަނައަޅަފައިވާ އައިސިސް ހަނގުރާމަވެރިން ހިންގި ރޭޕުގެ އަމަލުތަކުގެ ސަބަބުން ޔަޒީދީ އަންހެނުންނަށް އުފަންވި ދަރިންނަށް އެ އާބާދީއިން ފުރުސަތު ދެވެން ނެތްކަމަށް އިރާގުގެ އުތުރުގެ ސަރަހައްދުގައި ދިރިއުޅެމުންދާ ޔަޒީދީ ދަރިކޮޅުގެ ލީޑަރުން ބުނެފިއެވެ.
ޔަޒީދީ ސުޕްރީމް ސްޕިރިޗުއަލް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އާބާދީއަށް މަރުހަބާ ކިޔާނެ ކަމަށް ބަޔާންކޮށްފައިވާ ކުދިންގެ ތެރޭގައި ހިމެނެނީ ޔަޒީދީ ދަރިކޮޅުގެ ދެމަފިރިއަކަށް އުފަންވެފައިވާ ކުދިން ކަމަށާ، މީގެ ތެރޭގައި، ރޭޕްގެ ސަބަބުން އުފަންވި ކުދިން ހިމެނުނު ނަމަވެސް އޭގައި އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އުފަންވި ކުދިން ނުހިމެނޭނެ ކަމަށެވެ.
ޔަޒީދީން ގަބޫލު ކުރާ ގޮތުގައި އެ ދަރިކޮޅުން ބޭރު މީހަކާ ކައިވެނީގެ ގޮތުން ގުޅޭ ހިސާބުން އެމީހަކީ ޔަޒީދީއެއްވެސް ނޫނެވެ. ނަމަވެސް އައިސިސްއިން ޔަޒީދީން ތިބި ސަރަހައްދަށް އަރާ އެތައް އަންހެނުންނެއް ޖިންސީ އަޅުންގެ ގޮތުގައި ގެންގޮސްފައި ވާއިރު، އެއަންހެނުންނަށް އަނބުރާ ޔަޒީދީ ފަސްގަނޑަށް މަރުހަބާ ކިޔާނެ ކަމަށް ޔަޒީދީންގެ ލީޑަރު ވަނީ ބުނެފައެވެ.
ޔަޒީދީންގެ މި ނިންމުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ދެކޮޅު ހަދާފައެވެ. އެގޮތުން، ހަނގުރާމަވެރިން ހިންގި ރޭޕްގެ އަމަލުތަކުގެ ސަބަބުން އުފަންވި ދަރިން ޔަތީމުހާނާއަކަށް ނުވަތަ ހަނގުރާމަވެރިންގެ އަތްމައްޗަށް ދޫކޮށްލަން ޖެހުމަކީ މަޔަކަށް ދެވޭނެ ބޮޑު އަނިޔާއެއް ކަމުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
އައިސިސްއިން ސޫރިޔާއާއި އިރާގުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާ، ދުނިޔޭގެ އެކި ހިސާބުތަކުން އެޖަމާއަތަށް ހަނގުރާމަވެރިން ރެކްރޫޓުކޮށް އެމީހުންނަށް އަނބިންވެސް ހޯދާދީފައި ވާއިރު، އައިސިސްގެ ހަނގުރާމަވެރިންނަށް އުފަންވެފައިވާ ގިނަ އަދަދެއްގެ ކުޑަކުދިން އެބަތިއްބެވެ. ސޫރިޔާއާއި އިރާގުން އައިސިސްގެ ބާރު ކަނޑުވާލެވިފައި ވާއިރު، އައިސިސްގެ ބާރު އެންމެ ގަދަވި ދުވަސްވަރު މެދުއިރުމައްޗަށް ހިޖުރަކުރި އާއިލާތަކުން ދަނީ އެމީހުންގެ އުފަން ފަސްގަނޑަށް ދިއުމަށް އެދެމުންނެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ ދަރިންނަކީ ކޮން ހަނގުރާމަވެރިއަކަށް އުފަންވި ދަރިއެއްކަން ސާބިތުކޮށް ދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާނެ ގޮތެއްވެސް ނެތްއިރު އެ ކުދިންނަށް ގައުމުތަކުން ހިމާޔަތް ދިނުމުގައި ބޮޑު ބަހުސަކަށް ވަނީ ދާންޖެހިފައެވެ. އައިސިސްގެ ހަނގުރާމަވެރިންނަށް ދަރިން ވިހޭ އަންހެނުންނަށް އެމީހުން އެވިހޭ ދަރިންގެ ބައްޕަ ކޮބައިކަންވެސް މިއަދު ނޭނގޭ ހާލުގައި ގިނަ ބަޔަކު އެބަތިއްބެވެ.