ދާދި ފަހުން ނިންމާލި އިންޑޮނޭޝިއާގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރަމުން އައި 270 އަށްވުރެ ގިނަ އޮފިޝަލުންނަށް މަސައްކަތުގެ ބުރަ ބޮޑުވެގެން ކުރިމަތިވި އެކި ބަލިތަކުގައި މަރުވެފައިވާކަން އެގައުމުގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވައިފިއެވެ.
އޭޕްރިލް 17 ވަނަ ދުވަހު އިންޑޮނޭޝިއާގައި އެގައުމުގެ ރިޔާސީ އިންތިހާބުގެ އިތުރުން ގާނޫނު ހަދާ މަޖިލީހާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ އިންތިހާބީ ޚަރަދު ކުޑަކުރުމަށް އެގައުމުން އެޅި ފިޔަވަޅަކަށްވީ ނަމަވެސް، ނަތީޖާއަކަށްވީ އެތައް މިލިއަން ވޯޓެއް ގުނަން ޖެހުމެވެ. އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން، ކޮންމެ ވޯޓު ކަރުދާހެއްވެސް ގުނަންޖެހެނީ މެނުއަލްކޮށް، އަތުންނެވެ.
މަރުވި މީހުންގެ އާއިލާތަކަށް އިންތިހާބީ ކޮމިޝަނުން އިނާޔަތެއް ދިނުމަށް ރާވާފާއިވާކަމަށާ، އެއީ އެންމެ ދަށް އުޖޫރައިގެ ރޭޓުން އަހަރަކަށް ޖެހޭ 2500 އެއްހާ ޑޮލަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިންޑޮނޭޝިއާގެ ޖެނެރަލް އިލެކްޝަންސް ކޮމިޝަންސް (ކޭޕީޔޫ)ގެ ތަރުޖަމާނު އަރީފު ޕްރިތޯ ސުސާންޓޯ ވިދާޅުވީ، އިތުރު 1878 މީހަކު މިހާރުވެސް ބަލިވެފައިވާކަމަށެވެ.
ވޯޓު ގުނުމާ ވޯޓު ގުނުމުގެ މަރުހަލާ ވިލަރެސް ކުރުމުގައި 7 މިލިއަނެއްހާ މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގިނަ މެމްބަރުންނަކީ ރެޔާ ދުވާލު ހޭލާ ތިބެގެން މަސައްކަތްކުރަންޖެހިފައި ތިބި މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 193 މިލިއަން މީހުން އިންޑޮނޭޝިއާގައި ތިބިއިރު އޭގެ 80 ޕަސެންޓް މީހުން ވަނީ ވޯޓުގައިބައިވެރިވެފައެވެ. އިންޑޮނޭޝިއާގެ ތާރީހުގައި ފުރަތަމަ ފަހަރަށް 3 އިންތިހާބުގެ ވޯޓުލުން އެއް ވަގުތެއްގައި ކުރިއަށް ގެންދިޔައިރު، ވޯޓުލުމުގެ ހަރަކާތްތައް 800000 މަރުކަޒެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވޯޓު ގުނުމުގެ މަސައްކަތް ނިންމާ، ރިޔާސީ އަދި އާންމު މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ 22 ވަނަ ދުވަހަށެވެ.