ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ މިއަދު ސްޕްރީމް ކޯޓަށް ހާޒިރު ވުމަށް އަންގައިފިއެވެ. އޭނާ ހާޒިރު ވުމަށް ޗިޓް ފޮނުވާފައިވަނީ މިއަދު މެންދުރު 1:15 އަށެވެ. މި ޗިޓް ޓްވީޓް ކުރައްވަމުން ސުއޫދު ވިދާޅުވީ "ގަޑިއަށް ދާނަން، ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތަށް ހުއްޓުމެއް ނެތް" ކަމަށެވެ.

ސުއޫދު ސްޕްރީމް ކޯޓަށް ހާޒިރު ކުރަނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ އިތުބާރު ކުރެވޭ ފަނޑިޔާރުން ނޫންކަމަށާއި، އެ އެންމެން ވަކިކުރަން ޖެހޭ ކަމަށް ސުއޫދު ވިދާޅުވެ ޝަރުއީ ދާއިރާއަށް ފާޑު ވިދަޅުވެފައި ވާތީއެވެ.

އެ ޕްރޮގްރާމުގައި އޭނާ ވިދާޅުވީ ފެނިވަޑައިގެންފައިވާ މަންޒަރުތަކަށް ބައްލަވާއިރު، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ، އެ ހުކުމް ފަހެއް ފެބްރުއަރީގައި ބަދަލުކުރުމާ، މިކަންކަމުން އެބޭފުޅުންގެ އިތުބާރު ވަރަށްބޮޑަށް ގެއްލިފައި ވާކަމަށެވެ. އަދި އެ ހުކުމްގައި ސޮއިކުރެއްވި ފަނޑިޔާރުން ޖެހިގެން އައި ދުވަހު، އެ ހުކުމްގައި ސޮއިކުރެއްވީ ނުފޫޒެއްގެ ދަށުވެގެން ކަމަށް ވިދާޅުވުމުން، އެބޭފުޅުންގެ ގާބިލް ކަން ބައްލަވައި ދިރާސާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެކަމަކު ކުއްލިއަކަށް ހުރިހާ ފަނޑިޔާރުން ވަކިކުރުމާ އޭނާ ދެކޮޅު ހައްދަވާ ކަމަށާއި އެކަން ކުރަން ޖެހޭނީ ވަކި ޕްރޮސެސްއެއްގެ ތެރެއިން ވަރަށް ހާމަކަން ބޮޑުކަމާއެކު ހުޅުވާލެވިފައިވާ މޭރުމަކުން ކަމަށް ސުއޫދު ވިދާޅުވިއެވެ.