ހުރަވީ ސުކޫލުގެ ފުރަތަމަ ފަންގިފިލާގެ ކޮރިޑޯއިން ކުޑަކުއްޖަކު ބޭރަށް ނުކުމެއްޖެއެވެ.

މިކަން ހިނގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެނގިފައިވާ ގޮތުގައި މި ކުއްޖާއަކީ ހުޅުމާލޭ ކުޑަކުދިންގެ ހިޔާ (ފިޔަވަތި) ގައި ދިރިއުޅޭ އޯޓިސްޓިކް ކުއްޖެކެވެ.

މިކަމާ ގުޅިގެން ފުލުހުން 'ދަ ޕްރެސް' އަށް މައުލޫމާތު ދިން ގޮތުގައި، މިއަދު 11:55 ހާއިރު ހުރަވީ ސުކޫލުގެ ބެލެނިވެރިޔަކު އެ ސުކޫލު ބޭރުގައި ޓްރެފިކް ބަލަހައްޓަން އުޅުނު ފުލުހުންގެ ގާތުގައި ސިޑިމަތީގައި ކުއްޖަކު ތާށިވެގެން އުޅޭ ވާހަކަ ބުނެފައި ވެއެވެ. އަދި އެ ވަގުތު އެތަނުގައި ހަރަކާތްތެރިވި ފުލުހުން ސުކޫލުގެ އެތެރެއަށް ވަދެ ބެލި ކަމަށާއި އެކަމަކު އެ ވަގުތު އެކުއްޖާ ވަނީ އެތަނުން ދުރަށް ލާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހުރަވީ ސުކޫލުގެ ޓްރެފިކް ބެލެހެއްޓި ހުޅުމާލޭ ފުލުހުން ސުކޫލުގެ އެތެރޭގައި

ފުލުހުން ބުނީ މިއީ އެ ސުކޫލުގައި ހިނގާ ކަމެއް ކަމަށް ބެލެވޭ ކަމުގައެެވެ. ފުލުހުން ބުނީ މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ފިޔަވަތީގެ ކުއްޖަކަށް ދިމާވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވާކަމަށެެވެ. އެހެން ކަމުން މިއީ ފިޔަވަތީގެ ކުއްޖަކަށް އެފަދަ ކަމެއް ދިމާވި 4 ވަނަ ފަހަރު ކަމަށް ބެލެވޭ ވެސް ފުލުހުން ބުނެއެވެ.

ކުއްޖަކު ކޮރިޑޯއިން ބޭރުގައި ހުއްޓާ މީހަކު ނަގާފައިވާ ދެ ފޮޓޯއާ ގުޅޭ ގޮތުން ފުލުހުން ބުނީ، މިއަދު ފުލުހުން އެތަނަށް ދިޔަ އިރު ކުއްޖާ ހުރީ އެ ގޮތަށް ނޫން ކަމަށެވެ. އަދި އެއީ ތަފާތު ދުވަހެއްގައި ހިނގާފައިވާ ހާދިސާއެއްގެ ފޮޓޯ ކަމަށް ބެލެވޭ ކަމުގައި ވެސް ފުލުހުން ބުނެއެވެ.

ފުރަތަމަ ފޮޓޯ އިން ފެންނަ ގޮތުގައި ކުއްޖާ ހުރީ ފެހި ކުލައިގެ ތޭރިތަކެއް ޖަހާފައި ހުރި ކޮރިޑޯއެއްގައެވެ. އެކަމަކު ދެވަނަ ފޮޓޯގައި ކުއްޖާ ހުރީ މަޑު އަޅި ކުލައެއްގެ ތޭރިތަކެއް ޖަހާފައިވާ ކޮރިޑޯއެއްގައެވެ. އަދި ދެ ފޮޓޯއަށް ބަލާއިރު ގަބޫލު ކުރެވެނީ އެއް ފޮޓޯގައި ކުއްޖާ ހުރީ ދެވަނަ ފަންގިފިލާގައި ކަމުގައެވެ. އަދި ދެވަނަ ފޮޓޯގައި ކުއްޖާ ހުރީ ފުރަތަމަ ފަންގި ފިލާގައި ކަމަށެވެ. އެ ފޮޓޯ އަކީ ސުކޫލުގެ ވޮއިޑް ތެރޭގައި ހުރެ ނަގާފައިވާ ފޮޓޯ އެއް ކަމަށް ވެސް ބެލެވެއެެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އެ މައުލޫމާތު މިނިސްޓްރީ އަށް ލިބިފައި ވާކަމަށާއި ވަގުތުން އެކަމުގައި ފިޔަވަޅު އަޅުއްވާފައި ވާނެ ކަމަށެވެ. އެކަމަކު އެޅީ ކޮން ފިޔަވަޅެއް ކަމެއް މިނިސްޓްރީން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސުކޫލުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.