އިދިކޮޅު ހަރަކާތް ނުވަތަ އޮޕޮޒިޝަން އިސްވެ ހިންގަވާ ބޭފުޅެއްގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަރަކާތްތެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވީ، މަޝްވަރާ ކުރެވެނީ ވަކި ޕާޓީއަކާ ގުޅެން ނޫން ކަމަށާ، މަޝްވަރާ ކުރެވެނީ އޭނާ އިސްވެ އިދިކޮޅު ހަރަކާތް ނުވަތަ އޮޕޮޒިޝަން ލީޑް ކުރައްވަން ކަމަށެވެ. އަދި އެ މަޝްވަރާ ތަކުގައި އެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާލުވިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ އުމަރު ނަސީރާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު އިދިކޮޅު ޕީޕީއެމް ކޮންގްރެސްއާ ގުޅިގެން މަސައްކަތް ކުރައްވަން އުޅުއްވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ޖަމީލް މަޝްވަރާ ކުރައްވާކަމެއް، އަޅުގަނޑު އެބަ މަޝްވަރާ ކުރަން ސީދާ ޔާމީނާ. އެއީ ސްޓްރޯންގް އޮޕޮޒިޝަނެއް އަޅުގަނޑު ލީޑްކުރަން މަޝްވަރާ މިކުރަނީ" ކުރިއަށްދާ މަޝްވަރާަތަކާ ގުޅޭ ގޮތުން 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ކުރެވެމުންދާ މަޝްވަރާތައް އަދި އޮތީ ވަރަށް ޅަފަތުގައި ކަމަށާ ކުރިއަށް އޮތް ތާނގައި ވަރަށް ވަރުގަދަ އޮޕޮޒިޝަނެއް ފެންނާނެ ކަމަށެވެ. އަދި އެ އޮޕޮޒިޝަން ހަރަކާތްތެރި ވާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެއީ ކުރިން އެމްޑީޕީ ހަދާހެން ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ކުރަން ނުކުންނަ އޮޕޮޒިޝަނެއް ނޫން، ސަރުކާރަށް ޖާގަވެސް ދޭނަން. އަދި ސަރުކާރު ޖަވާބުދާރީ ވެސް ކުރުވާނަން. މި އޮޕޮޒިޝަން އަކީ ސިއްސައިގެންދާ ވަރުގެ އޮޕޮޒިޝަނަކަށް ވާނެ" އުމަރު ވިދާޅުވިއެވެ.

އޮޕޮޒިޝަންގެ ހަރަކާތްތަކުގައި ކުރީގެ ރައީސް ޔާމީނުގެ ދައުރަކީ 'ސައިލެންޓް' ކޮށް ހުންނެވުންތޯ އެހުމުން އުމަރު ވިދާޅުވީ ރައީސް ޔާމީނު އަދާ ކުރައްވާނެ ދައުރަކާ ގުޅޭ ގޮތުން އެމަނިކުފާނާ މަޝްވަރާ ނުކުރައްވާ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ކޮންގްރެސްއާ އެކު މަސައްކަތް ކުރުމަށް ޑރ ޖަމީލް އުޅުއްވާކަމަށް ފެތުރިފައިވާ ހަބަރާ ގުޅޭގޮތުން އެމަނިކުފާނުގެ ކޮމެންޓެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.