ބަރުލަމާނީ ނިޒާމަކީ އަބަދުވެސް ތާއީދު ކުރައްވާ ނިޒާމެއް ކަމަށާ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދެންޏާ ނިޒާމަށްވެސް ބަދަލެއް އަންނަން ޖެހޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އަދި މިގޮތުން ނިޒާމަށް ބަދަލެއް އަންނަން ޖެހެނީ ކޮން ވަގުތަކުކަން ނިންމާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަދި ޕާޓީގެ އެކިއެކި ފަރާތްތަކާ އަދި ރައްޔިތުންނާވެސް މަޝްވަރާ ކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޕީއެސްއެމަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ ނިޒާމު ބަދަލު ކުރުމުގެ ކަންތައްތަކާ ހެދި ރައްޔިތުންނަށް ދޭންވާ ހިދުމަތެއް ނުދެވި ހުރީމާ ކަމަކު ނުދާނެ ކަމަށާ އެކަންކަން މާ މުހިންމު ވާނެ ކަމަށެވެ.

"އަޅުގަނޑު ބޮޑުވަޒީރަކަށް ވާން ވެގެން ،އަނެއް މީހަކު އަނެއް ކަމެއް ވާން ވެގެން، ގޯއްޗެއް ނުދެވުނީމާ ކަމަކު ނުދާނެ، ނަރުދަނާއާ ޑައިލަސިސް ހެދެން ވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނިޒާމު ބަދަލު ކުރުމަށްފަހު ބޮޑު ވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަމާ ގުޅޭ ގޮތުން ޕްރޮގްރާމުގެ ޕްރެޒެންޓަރު ކުރި ސުވާލަށް ނަޝީދު ވިދާޅުވީ "ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައި ނުގަންނަވާނެ" ކަމަށެވެ. އެ ސުވާލަށް ސާފު ޖަވާބެއް ދެއްވާފައި ނުވިއަސް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ނެތްކަމަށް ވިދާޅުވެފައެއް ނުވެއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމު މާ ރަނގަޅަށް ހިނގާނެ ކަމަށާ ރައީސަކާއި ބޮޑުވަޒީރަކު ހުރެފައި ދެ މަގާމުގެ ބާރުތަކާ މަސްއޫލިއްޔަތުތައް ސާފުކޮށް އޮތީމާ ފަސޭހަ ވާނެކަމަށެވެ.

"މިސާލަކަށް ސިފައިންނާއި ފުލުހުންގެ ވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވަން ޖެހޭނެ. އަދިވެސް އެހެން ބައިވަރު މުސްތަގިއްލު މުއައްސަސާތަކާ އަދި އެކި އެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާ މިހެންގޮސް ދައުލަތުގެ އެންމެ މަތީގައި ހުންނަވަން ޖެހޭ އެބަ ބޭފުޅެއް. ދެން އަޅުގަނޑަކީ ރަދުންވެސް ހުންނަން އެދޭ މީހެއް، ބަރުލަމާނީ ސިފަތަކުގައި" ބަރުލަމާނީ ނިޒާމަށް ކުރައްވާ ތާއީދާ ސިފަތަކާ ގުޅޭގޮތުން ނަޝީދު ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުން ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ މެދު ގޮތް ނިންމެވުން ރައީސް ސޯލިހަށް ދޫކޮށްލައްވާފައެވެ. އަދި ވިދާޅުވީ ރައީސް ސޯލިހާ ނަޝީދަކީ އުފަންވެ ވަޑައިގަތީއްސުރެ އެކުގައި އުޅުއްވާ ދެބޭފުޅުން ކަމަށާ އެއް ބޭފުޅަކު ކަމެއް ކުރައްވަން ހިތްޕުޅަށް އަރާވަޑައިގަތަސް އަނެއް ބޭފުޅަކަށް އެނގިވަޑައި ގަންނަވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަކީ މިއަދު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވާތީ ރައީސްގެ އިސްތަށިފުޅަށް އުނދަގޫވެ ވަޑައިގަންފާނެ އެއްވެސް ކަމެއް މިވަގުތު ނުކުރައްވާނެ ކަމަށެވެ.