އިއްޔެ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އާދަޔާ ހިލާފު ތަފާތު ނަތީޖާއަކުން ވެރިކަން ކުރާ އެމްޑީޕީ ކުރި ހޯދާފައިވާ އިންތިހާބެކެވެ. 386 ކެންޑިޑޭޓުން ވާދަކުރި އެ އިންތިހާބު 67 ގޮނޑީގެ ސުޕާ މެޖޯރިޓީއާ އެކު އެމްޑީޕީ ކާމިޔާބު ކުރުމުން ލިބުނު މެސެޖަކީ ކޮބައިތޯއެވެ.
ޔަގީނުންވެސް ރައްޔިތުން އެބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގުމަށްޓަކައި ފުރުޞަތު ދެއްވުމަށް ތަކުރާރުކޮށް ރައީސް އެދިވަޑައިގަން އެދިވަޑައިގަތުމަށް "އާނއެކޭ" އެވެ. ރައްޔިތުން އެބުނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތި ގިނަ ކަންތައްތަކެއް ކުރެވެން ނެތް ކަމަށް ސަރުކާރުން ބުނި ބުނުމަށް "ދެން ތިޔަ ބުނާ ކަންތައްތަކެއް ކޮށްބަލާށޭ" އެވެ.
އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހި ކަމެވެ. ރާއްޖޭގެ ރައްޔިތުންނަށް، ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެންމެ އަސާސީ އެއް މައްސަލަ އަކީ ބޯހިޔާވަހި ކަމުގެ މައްސަލައެވެ. ވޭތުވެ ދިޔަ 4 ސަރުކާރުގައިވެސް ހައްލު ހޯދައި ނުދެވި އޮތް މި ބޮޑު އިޖުތިމާއީ މައްސަލައަށް ހައްލު ހޯދައި ދިނުމެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުފުޅު ތަކުގެ ތެރޭގައި ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް އެންމެ ގިނައިން ވިދާޅުވި އެއް ވާހަކަފުޅަކީ ބޯހިޔާވަހި ކަމުގެ ވާހަކަފުޅެވެ. ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެންމެނަށް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އާމްދަނީއެއް ނުލިބޭ ފަރާތްތަކަށް އާމްދަނީއެއް ލިބެންދެން ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ދެން ރައްޔިތުން އެންމެ ކަން ބޮޑުވާ އެއް މައްސަލައަކީ ކޮރަޕްޝަނުގެ މައްސަލައެވެ. ދައުލަތުގެ ހަޒާނާ ލޫޓުވާލައިގެން ތިބި މީހުންނަށް ހައްގު އަދަދު ދިނުމެވެ. ހާއްސަކޮށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ 155 މީހުންގެ މައުލޫމާތު ހާމަ ކުރުމާއެކު އެމީހުނަށް ހައްގު އަދަބު ލިބުމެވެ. އަދި އެނޫނަސް ހިންގާފައި ހުރި ކޮރަޕްޝަނަށް ޒިންމާ ވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ.
ތިންވަނަ ކަމަކީ ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުނާ، ގެއްލުވާލައިފައިވާ މީހުނާ ވަގަށް ނަގާފައިވާ ސަރުކާރުގެ މުދާ ވަގަށް ނެގި މީހުން ހޯދާ ހައްގު އަދަބު ދިނުމެވެ.
މީގެ އިތުރުން ސަރުކާރުން ބުނަމުން ދިޔަ މުހިންމު އަނެއް ވާހަކަ އަކީ ފުދުންތެރި ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށްވެސް އުޅެވޭނެ މަގު ފަހިކޮށް ދިނުމާއެކު އެކަން ޔަގީން ކޮށްދިނުމުގެ ވާހަކައެވެ. އެކިއެކި މާލީ ދާއިރާތަކުން ރައްޔިތުންގެ އަތުން ނަގާ އިންޓަރެސްޓް ކުޑަކުރުމާ، ލިބޭ އާމްދަނީ ދެގުނަ ކުރުމުގެ ވާހަކައެވެ. އެގޮތުން ގެދޮރު ބިނާކުރުމާ އެނޫންވެސް ކަންކަމަށް ކުޑަ އިންޓަރެސްޓް ރޭޓުގައި ލޯނު ލިބޭނެ ގޮތް ހަދައި ދިނުން ހިމެނެއެވެ.
އިއްޔެ ރައްޔިތުން ހޮވި މަޖިލީހަކީ މިކަންތައްތައް ޔަގީން ކުރުމަށް ހޮވި މަޖިލީހެކެވެ. މަޖިލީހުގައި ހިމެނޭ އިތުރު އެހެން އެއްވެސް ޕާޓީއަކާ ބެއްސުމެއް ނެތި ސަރުކާރު ހިންގާ އެމްޑީޕީއަށް ބޭނުންވާ ބިލްތައް ފާސްކުރެވޭނެ ސާފު މެޖޯރިޓީ އެއޯތީ ދީފައެވެ.
އަދި ފާޑު ކިޔަން އަވަސް ނަމަވެސް މަޖިލީހަށް ހޮވުނު ބޭނުން ހަނދާން ކޮށްދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމުގައި ވާތީ މިވާހަކަ ހަނދާން ކޮށްދިނީއެވެ. ރައީސް ސޯލިހުވެސް ވިދާޅުވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ޒިންމާދާރު ކުރުވުމުގައި ނޫސްވެރިން ދެމި ތިބެންޖެހޭނެ ކަމަށެވެ. އެއީ އެ މަޖިލީސް ހޮވި ބޭނުން ހަނދާން ނައްތާލައި މަޖިލީސް ތެރޭގައި އެހެން މަސައްކަތްތަކެއް ފެށުމުގެ ފުރުޞަޠު ހަނި ކުރުމަށެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގައި މަޖިލީސް މަސްއޫލުވެ، ހަވާލުވި ޒިންމާ ހަނދާން ނެތިދާކަށް އެއްވެސް ރައްޔިތަކު ނޭދޭނެއެވެ.
ނުވާނެ. ދެން ބުނާނެ ބަރުލަމާނީއޭ. އަބަދުވެސް ބަހަނާ ދައްކާނެ. ޔާމިނުގެ ލޯނު ދައްކަނީ އޭ. ސަޓަންޔޭވެސް ކިޔާނެ. އެއްކަމެއްވެސް ނުވާނެ މި ރީނދޫ ބައިގަނޑަށް. އެކަން ވަރަށް އަވަހަށް ދިވެހިންނަ ފެންނާނެ.
ބަރުލަމާނީ ގެނެސްގެން ވާނީ. އަދި އެވަރަކުންވެސް ނުވާނެ. ކައުންސިލްތަކުގެ މެޖޯރިޓީވެސް ލިބިގެން ވާނީ.
ދެން ހިނގާ އެމްޑީޕީ ކުޅޭ ނުބައި ކުޅިގަނޑު ބަލަމާ ދޯ! އެމްޑީޕީ މީ އަބަދުވެސް އެމީހުންގެ ނުބައި "އަމިއްލަ" އެޖެންޑާ ޙާޞިލްކުރަން ހަމަ ކޮންމެ ފަދަ ކަމެއް ކުރާނެ ބައެއް. 'ރައްޔިތުންގެ ނަމުގައި' ޓެގްކޮށް އެކަމަކު ކުރާނީ މި ބައިގަނޑު ބޭނުންވާ ގޮތަށް. އެހެޔޮ ދީނާ އިދިކޮޅަށް ކުރިނަމަވެސް އެމް.ޑީ.ޕީ ސަޕޯޓަރުން ތިބޭނީ އަތްޖަހަން.