ތަފާތު ބޮޑުކޮށް ފެންނަ މިއަހަރުގެ މަޖިލީސް އިންތިހާބުގެ ކެމްޕޭން ފޯރި ގެންނާނެ ފަހު ދުވަހަކީ މާދަމާއެވެ. ކެންޑިޑޭޓުން، އެމީހަކަށް 'އެރުވުނު ފޮނެއް' މާދަމާގެ އިރު އޮށްސި ހަޔަކަށް އަރުވާނެއެވެ. މަގު މަގު ތަކާ، ގަސް ގަހާ، ފާރުތަކުގެ އިތުރުން އެތަން މިތަނުގައި ކެމްޕޭނު ޕޯސްޓަރުތަކާ ފޮތިތައް ދެމުމުގެ 'ކުޅިވަރު' ނިންމާނެއެވެ. އަދި އެހެން ފަހަރުތަކެކޭ އެއްގޮތަށް މަގުތައް 'ކުނި އަޅާ' ފުރާލާނެއެވެ.

ކެމްޕޭނު ހަރަކާތެއް ކަމަށް ވުމާއެކު ވަކި ކެންޑިޑޭޓަކަށް ހުއްދަކޮށް ވަކި ކެންޑިޑޭޓަކަށް މަނާ ކުރެވެންވެސް ނެތީމާ، ޗާޕު ކޮށްފައި ހުރި ނަމަ ހުރި ޕޯސްޓަރެއް ތާއީދު އިތުރު ވެދާނެ ކަމަށް ބަލާ މަގުތަކަށް އަޅަނީއެވެ.

އަންނަ ހޮނި ހިރު ދުވަހު އޮންނަ އިންތިހާބުގައި ވޯޓު ލުމަށް ޖުމްލަ 501 ވޯޓު ފޮށި ބަހައްޓައެވެ. އެއީ ސިނާއީ ސަރަހައްދުތަކުގައި ބަހައްޓާ ހަތަރު ފޮށްޓާ ރިސޯޓްތަކުގައި ބަހައްޓާ 33 ފޮށީގެ އިތުރުން ޖަލުގައި ބަހައްޓާ ފަސް ފޮށްޓާ އަދި ރާއްޖޭން ބޭރުގައި ބަހައްޓާ އަށް ފޮށްޓެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި 307 ވޯޓުފޮށި އަދި މާލޭގައި 144 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައި ވެއެވެ.

އަންނަ މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު، ވޯޓު ލުމުގެ ހައްގު 264،589 މީހަކަށް ލިބިފައި ވެއެވެ.

މިއަހަރުގެ މަޖިލީސް އިންތިހާބަކީ ހުރިހާ ދާއިރާއަކަށްވެސް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ އެއް އިންތިހާބެއެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންވެސް އެންމެ ގިނަ އެއް އިންތިހާބެވެ. މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނިސްބައިވާ ގޮތަކީ؛

އެމްޑީޕީ: 85 ކެންޑިޑޭޓުން

ޖޭޕީ: 41 ކެންޑިޑޭޓުން

އޭޕީ: 9 ކެންޑިޑޭޓުން

ޕީޕީއެމް: 24 ކެންޑިޑޭޓުން

ޕީއެންސީ: 22 ކެންޑިޑޭޓުން

ޑީއާރުޕީ: 5 ކެންޑިޑޭޓުން

އެމްޑީއޭ: 8 ކެންޑިޑޭޓުން

އެމްޓީޑީ: 8 ކެންޑިޑޭޓުން

އެމްއެލްއެސްޑީޕީ: 10 ކެންޑިޑޭޓުން

އަމިއްލަ: 174 ކެންޑިޑޭޓުންނެވެ.

މިފަހަރުގެ އިންތިހާބު ފޯރި ގަދަވަނީ ކީއްވެ؟

ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ފޯރި ގަދަވާ އެތައް ސަބަބެއް އެބަހުއްޓެވެ. އެއް ސަބަބަކީ މިހާރު ވެރިކަން ކުރާ ކޯލީޝަނުން ވެރިކަމަށް އައުމަށް ހެދި ކޯލިޝަން އެއްބަސް ވުމާ އެއްގޮތަށް މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަށް ކޯލިޝަން އެއްބަސްވުމެއް ނެތް ކަމަށް ބުނެ އެމްޑީޕީން މަޖިލީހުގެ 85 ދާއިރާއަށް ވާދަކުރަން ނިންމުމެވެ. އެއާއެކު ކޯލިޝަނުގައި ހިމެނޭ ޖޭޕީންވެސް ދާއިރާތަކެއް ކަނޑައަޅާ އިދިކޮޅު ޕާޓީތަކާ ގުޅިގެން މަޖިލީހަށް ވާދަ ކުރަން ނިންމުމެވެ. ކޯލިޝަންގައި ޖޭޕީ އޮތަސް މަޖިލީސް އިންތިހާބުގައި ޖޭޕީ ތާއީދު ކުރަނީ އިދިކޮޅު ޓީމަށެވެ. ކޯލިޝަންގައި ދެން ހިމެނޭ އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓުންވެސް ދާއިރާ ތަކަކަށް ކެންޑިޑޭޓުން ނެރުން ވެގެން ދިޔައީ އިންތިހާބުގައި ފޯރި ހިފި އެއް ސަބަބަށެވެ.

ދެވަނަ ސަބަބަކަށް ވީ، އިދިކޮޅު ޕާޓީ، ޕީޕީއެމް އަދި ޕީއެންސީ ނުވަތަ ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ބަޔަކު ޖޭޕީ ތެރެއަށް ވައްދާ މަޖިލީހުގެ އިންތިހާބަށް ނެރުމެވެ. އަދި އެމްޑީޕީގެ ޕްރިމަރީ ކާމިޔާބު ކުރި ބައެއް މީހުންގެ ތެރޭގައިވެސް ރައީސް ޔާމީނަށް ތާއީދު ކުރި ބައެއް މީހުން ތިބި ކަމީ ފޯރި އިތުރު ވާ ސަބަބެކެވެ.

ތިންވަނަ ސަބަބަކަށް ވީ، އަމިއްލަ ކެންޑިޑޭޓުން އިންތިހާއަށް މިފަހަރު ގިނަ ވުމެވެ. އޭގެ ތެރޭގައި ގިނައީ ޖޭޕީން ޖާގަ ނުލިބުނު މީހުނާއި، ރައީސް ޔާމީނަށް ތާއީދު ކުރާ މީހުނެވެ. އަދި އެމްޑީޕީއަށް މެޖޯރިޓީ ލިބުނަ ނުދިނުމަށް، ދުރާލާ ރާވައިގެން ނެރެފައި ތިބި ކެންޑިޑޭޓުންވެސް ތިބި ކަމީ ފޯރި އިންތިހާއަށް ގަދަވާ ސަބަބެކެވެ.

އިންތިހާބުގެ ކެމްޕޭނު ފޯރިވެސް ހަމަ އެހާ ގަދައެވެ. ސަރުކާރުގެ އިމާރާތްތަކާ ފާރުތަކަކުގައި އިންޗިއެއްވެސް ދޫ ނުކޮށް ޕޯސްޓަރުތައް ތައްކުރަމުން ދަނީއެވެ. އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓެއްގެ ޕޯސްޓަރު މަތީގައިވެސް ޕޯސްޓަރާ ފޮތިގަންގަނޑު ދަމަނީއެވެ. އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ވުރެ އުހުގައި، ބޮޑުކޮށް ދަމަނީއެވެ.

އަދި އެހެން ކަމެކެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ އެންމެހާ ރައްޔިތުންގެ ޒާތީ މައުލުމާތު ހިމެނޭ އެޕެއް ގިން ކެންޑިޑޭޓުންނަށް މިފަހަރު ލިބުނެވެ. ފަސޭހަ ކަމާއެކު ކާކު ވޯޓު ލަނީ ކޮން ދާއިރާއަކަށް ކަން އެނގޭ އެ އެޕްގައި ހިމެނޭ ޒާތީ މައުލޫމާތު ބޭނުންކޮށްގެން 'ޓާގެޓެޑް' ކެމްޕޭން ވެސް ކުރަނީއެވެ. ވަޒީފާ ލިބޭނެ ކަމަށާ، ފްލެޓް ވެސް ލިބޭނެ ކަމަށް ބުނެ މެސެޖްވެސް ކުރަނީއެވެ. އަދި 'ދެ އިރު ދެ ދަޅައަށް ކާ ބޭހެއްހެން' ކެންޑިޑޭޓުންގެ އޮފީސްތަކުން ގުޅާ ވޯޓް ލާނަންތޯވެސް އަހަނީއެވެ.

އިންތިހާބު ކާމިޔާބު ކުރާނީ ކޮން ބައެއް؟

ކެމްޕޭނުގެ ފޯރިއާއި ވޯޓުލާން ތިބި މީހުންގެ ރޫހަށް ބަލާ އިރު މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބު ކުރާނީ އެމްޑީޕީއެވެ. މިއަދުގެ ސަރުކާރުގެ މައި ޕާޓީގެ ގޮތުގައި އެމްޑީޕީގެ އޮތުމާއި ސަރުކާރުގެ އެކި އެކި ދާއިރާތަކުން އެޕާޓީގެ ކެންޑިޑޭޓުން ނިސްބަތްވާ ދާއިރާތަކަށް ކޮށްދޭ ކަންތައްތަކާއި ކޮށްދޭން ބުނާ ކަންތައްތަކާއި، ސަރުކާރުގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ވެރިން ކުރައްވާ ކެމްޕޭނުގެ ނަތީޖާއަށް ބަލާ އަޅުގަނޑުގެ މިނާ ނާޅިން މިނީމައި ނުކުންނަ އަދަދަކީ މަޖިލީހުގެ 46 ގޮނޑި އެމްޑީޕީއަށް ކާމިޔާބު ވާނެ ކަމަށެވެ.

ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖޭޕީއަށް ލިބޭނެ ކަމަށް ގަބޫލު ކުރެވެނީ ގިނަ ވެގެން 7 ގޮނޑިއެވެ. އަދާލަތު ޕާޓީގެ މަސައްކަތްތަކާ އޮތް ތާއީދަށް ބަލާއިރު 1 ގޮނޑި ލިބުމުގެ ފުރުސަތު އޮތް އިރު މައުމޫންގެ ރިފޯމް މޫވްމަންޓުގެ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވެނީ 2 ކެންޑިޑޭޓަކަށެވެ.

ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ އަމިއްލަގޮތުން ވާދަ ކުރާ ކެންޑިޑޭޓުންނެވެ. އަމިއްލަ ކެންޑިޑޭޓުން މަޖިލީހުގެ 12 ގޮނޑި ހޯދާނެ ކަމަށް ބެލެވޭ އިރު، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް، ޕީއެންސީ އަދި ޑީއާރުޕީ ހިމެނޭ ގޮތުން ލިބޭނެ ކަމަށް ބެލެވެނީ 18 ގޮނޑިއެވެ. އެމްޑީއޭއަށް 1 ގޮނޑި ލިބޭނެ ކަމަށް ގަބޫލު ކުރެވޭ އިރު، ދެން ކެންޑިޑޭޓުން ނެރެފައިވާ ޕާޓީތަކުން ކުރެ ޕާޓީއަކަށް ގޮނޑިއެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.