އަންނަ މަހުގެ ހަވަނަ ދުވަހުގައި ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވަގުތީ ނަތީޖާގެ ގޮތުގައި އިއުލާން ކުރާނީ ދާއިރާގެ ނަތީޖާތައް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަދު އިންތިހާބާ ބެހޭ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް ވިދާޅުވީ އީސީއަށް ވަގުތީ ނަތީޖާ އިއުލާން ކުރެވޭނީ 8634 ނަތީޖާ ޝީޓް ތަފާތު ދާއިރާތަކުން ލިބުނީމަ ކަމަށާއި އޭގެ ކުރިން ވޯޓުލާ މަރުކަޒުތަކުން ވަކިވަކި ވޯޓު ފޮށިތަކުގެ ނަތީޖާ މަރުކަޒުތަކުގައި އިއުލާންކޮށް، އީސީއަށް ނަތީޖާ ލިބުމުން، ނަތީޖާ އިއުލާންކުރަން ހާއްސަކޮށްފައިވާ ވެބް ސައިޓަށް އަޕްލޯޑް ކުރަމުން ދާނެ ކަމަށެވެ.
ވަކިވަކި ފޮށިތަކުގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެހެން ވަކި ވެބްސައިޓަކަށް އަޕްލޯޑް ކުރެއްވި ނަމަވެސް އެއީ އީސީއިން އިއުލާން ކުރާ ވަގުތީ ނަތީޖާ ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވަކިވަކި ފޮށިތަކުގެ ނަތީޖާ ވެސް ވޯޓް ގުނައި ނިމުމަށް ފަހު ކޮންމެ ފޮއްޓެއްގެ ކައިރީގައި އިއުލާން ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަދި ދާއިރާއަށް ކަނޑައެޅިފައިވާ ހުރިހާ ފޮށިތަކުގެ ނަތީޖާ ލިބުމާއެކީގައި އެ ދާއިރާގެ ނަތީޖާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަގުތީ ނަތީޖާގެ ގޮތުގައި އިއުލާން ކުރަމުން ދާނެ. މި ވެބްސައިޓުގައި ކުރާ އިއުލާނަކީ ވަގުތީ ނަތީޖާ ގޮތުގައި ނުބައްލަވާތި. އެއީ އެ ވަގުތަށްޓަކައި ނަތީޖާ ހާމަކުރަމުން ދިއުމަށް އަޅުގަނޑުމެން ބޭނުން ކުރަން. ވަގުތީ ނަތީޖާ އަޅުގަނޑުމެން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަމުންދާނެ. ދާއިރާގެ ނަތީޖާ ފުރިހަމަވާ މިންވަރަކަށް." ޝަރީފް ވިދާޅުވިއެވެ.
އޭގެއިތުރުން ޝަރީފް ވިދާޅުވީ އިންތިހާބަށް ވާންޖެހޭ 99 ޕަސެންޓްގެ ތައްޔާރީ މިހާރު ނިމިފައިވާ ކަމަށާއި ނުނިމި ހުރި މަސައްކަތަކީ ޑިސްޕެޗް ކުރުމާއި އަތޮޅު ތެރޭގައި މަރުކަޒުތައް ތައްޔާރުކުރުން ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން ސިނާއީ ސަރަހައްދުތަކުގައި ހަތަރު ފޮށި ބަހައްޓާ އިރު، ރިސޯޓްތަކުގައި 33 ވޯޓު ފޮށި، ޖަލުގައި ފަސް ފޮށި އަދި ރާއްޖޭން ބޭރުގައި އަށް ފޮށި ބަހައްޓާނެއެވެ. އަދި މީހުން ދިރިއުޅޭ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 307 ވޯޓުފޮށި އަދި މާލޭގައި 144 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.
މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު، 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.