ޒިޔާދާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާގެ މައްޗަށް އުފުލި ހަތަރު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާމެދު ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (އެފްޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ.ތިނަދޫ، ޒިޔާދާ ނައީމް މަރުވި މައްސަލައިގައި އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން އެ އޮތޯރިޓީއިން އާންމު ކުރި ބަޔާނެއްގައި ވަނީ ޝާހުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ހަތަރު މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅައި ކުރިއަށް ގެންދިޔަ އިރު، އެތަނުން އެއްވެސް މައްސަލައެއް ޝާހުގެ މައްޗަށް ސާބިތު ނުވާކަމަށް ނިންމި ނިންމުމާމެދު އެ އޮތޯރިޓީއިން ކަންބޮޑުވާކަމަށް ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ޕީޖީ އިން މި މައްސަލަތައް ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާ ހުށަހަޅަފައިވާނެ ކަމަށް ބުނާ އިރު އެއްވެސް މައްސަލައެއް ޝާހުގެ މައްޗަށް ސާބިތު ނުވުމުން އެ އޮތޯރިޓީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެފްޕީއޭ އަކީ ގާނޫނީ ގޮތުން ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތް ކުރުމަށް ރާއްޖޭގައި އެކި މީހުން ކުރާ މަސައްކަތްތައް ވިލަރެސް ކުރުމުގެ އިތުރުން ގައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގުމުގެ އިތުރުން، މިފަދަ މައްސަލަތަކުގައި އެންމެ އިސްސަފުގައި މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ މުއައްސަސާއެވެ.

2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވެފައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެއެވެ. ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ޕޯސްޓް މޯޓެމް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. ޒިޔާދާގެ ބޮލަށް ލިބުނު އަނިޔާ އަކީ އޭނަގެ ފިރިމީހާ ޝާހު، ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެކެވެ.