ގެއްލުނު އައިމިނަތު ޝިމާ ނާފިޒުގެ އަންހެން ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް، ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އެމައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ލ. ގަން މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އެމީހުންގެ ބަންދުގެ މުއްދަތަށް އިތުރުކުރި 15 ދުވަސް ވަނީ މިއަދުގެ ނިޔަލަށް ހަމަވެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 22 އަހަރުގެ ފިރިހެނަކާ 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންގެ ތެރެއިން 24 އަހަރުގެ މީހަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުންދާ ޝިމާ، އިން ޑިންގީ ދުއްވި އިބްރާހިމް ފަޒީލެވެ.

"ދަޕްރެސް" އާއި ވާހަކަދައްކަމުން ޝިމާގެ ބޭބެ އަހުމަދު ޝައިނީ ނާފިޒު ބުނީ އެޑިންގީގައި އިނީ ޝިމާގެ ހަގަށް ހުންނަ 16 އަހަރުގެ އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖެއްކަމަށެވެ. ޝައިނީ ކިޔައިދިން ގޮތުގައި ފަޒީލަކީ ޝިމާގެ ކޮއްކޮ އާ ރައްޓެހިވެގެން އުޅުނު މީހެއް ކަމަށާއި ޑިންގީއަށް އަރުވައިގެން ގެންދިޔައީ ރައްޓެހިވެގެން އުޅުނު ކުއްޖާގެ އެއްމާބަނޑު ކޮއްކޮއެވެ.

ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުން ދާއިރު ޝިމާ ގެއްލުނު ހާދިސާގައި ތަހުގީގު ކުރިއަށް ގޮސްފައި އޮތް މިންވަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.