އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް ގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު (އެމްސީ ހަމީދު) ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަނު ކުރިކަމުގެ ލިޔުން އެމްސީ ހަމީދާ ހަވާލު ކުރައްވައިފައެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ހެޑްގެ މަގާމު މީގެ ކުރިން ވެސް އަދާކުރެއްވި ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރިކަމުގެ ތުހުމަތުގައި، 2012 އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމުގެ އިތުރުން ދޫނިދޫގައި ބަންދުވެސް ކުރިއެވެ.

އެމްސީ ހަމީދު ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނަވަނިކޮށް އެ މަގާމުން ވަކިކުުރުމުން، އަލުން އޭނާ އަށް ވަޒީފާ ދިނުމަށް ސުޕްރީމު ކޯޓުން އަމުރުކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.

މި ސަރުކާރު ފެށުނުއިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު އެ މަގާމުން ވަކި ކުރެއްވުމަށްފަހު ފުލުހުންގެ ހިންގުން ހަމީދާ ހަވާލުކޮށްފައިވަނީ އޭސީޕީގެ މަގާމުން ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓުކުރުމަށް ފަހުގައެވެ.