ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށާއި، އާބާދީގެ އެހާ ބޮޑު އަދަދެއް އަޅާނުލެވި ފަރުދާވެގެން ދިއުމަކީ ގަބޫލުކުރެއްވޭނެކަމެއް ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭނެ މަރުކަޒެއް ގާއިމްކުރުމުގެ ވައުދުފުޅުގެ ދަށުން، އައިޖީއެމްއެޗްގައި ހުޅުވި މެންޓަލް ހެލްތް ސެންޓާ ހުޅުވައިދިނުމު ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗްގެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ފެންނަ ގޮތުގައި ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި އެކަނިވެސް 2000 އަށްވުރެ ގިނަމީހުން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ގިނަމީހުން ކަމަށާއި، އާބާދީގެ އެހާ ބޮޑު އަދަދެއް އަޅާނުލެވި ފަރުދާވެގެންދިއުމަކީ ގަބޫލުކުރެވޭނެކަމެއްނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހު ހުޅުއްވާދެއްވި މެންޓަލް ހެލްތު ސެންޓަރަކީ އެމަނިކުފާނުގެ ވަރަށްބޮޑު ތަސައްވަރެއް ހަގީގަތަކަށް ހެދުމަށް ކުރިޔަށްއެޅުނު ބޮޑުފިޔަވަޅެއް ކަމަށެވެ. އަދި މެންޓަލް ހެތު ސެންޓަރަކީ ހަމައެކަނި އައިޖޭއެމްއެޗުގައި ގާއިމްކުރެވޭ ކުލިނިކެއްނޫން ކަމަށާއި، މިއީ މި ޕްރޮގްރާމްގެ ބެލެނިވެރިމަކުގެ ދަށުން ގާއިމްކުރެވޭ އިންތިޒާމީ ބޭސްފަރުވާގެ ނިޒާމެއް ކަމަށެވެ.

"މި ނިޒާމްގެ ޒަރީއާއިން ނަފުސާނީ ބަލިތަކަށް ދެވޭ ފަރުވާ އަތޮޅުތެރޭގައި ފުޅާކުރުމަށްވަނީ ހަމަޖެހިފައި. އަދި ނަފުސާނީ ބަލިމީހުންނަށް ބޭނުންވާ ހިދުމަތްތައް ހަރުދަނާ ގޮތެއްގެ މަތިން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. ހަމަ އެހެންމެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި މުޖުތަމަޢާއި އާއިލާތަކުގެ ބައިވެރިވުން އިތުރު ކުރުމާއި ރަށްރަށުގައާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް ތަކުގައި ނަފުސާނީ ބަލިތަކަށް ފަރުވާ ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ދިނުންހިމެނޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ނަފުސާނީ ބަލިތަކަށް ބޭނުންވާ ފަރުވާއާއި އެކަމުގެ ހާލަތު ދިރާސާކޮށް މިރޮގުން ކުރިއެރުންތައް ހޯދައި ރާއްޖޭގައި އެންމެ އެކަށީގެންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން މިއަހަރު ފަހުކޮޅުގައި ޖަޒީރާ މެންޓަލް ހެލްތު ސާވިސް ރާއްޖޭގެ ދެކުނުގައި ޕައިލެޓް ކުރެވޭނެ ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނަފުސާނީ ސިއްހަތާގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

އަދި ނަފުސާނީ ދުޅަހެޔޮކަން އާލާކޮށް ހޭލުންތެރި ކުރުމުގެ ހަރަކާތްތައް މެންޓަލް ހެލްތު ވޯކިން ގްރޫޕާއި ސަރުކާރުގެ ގުޅުން ހުރި ހުރިހާ އިދާރާތައް މަސްއޫލުވާނޭހެން ސެންޓަރުގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ނަފުސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަކީ މުޖުތަމައުގައި އެކަހެރި ނުކޮށް އާއިލާގެ ލޯތްބާއި އޯގާތެރިކަން ލިބިގެން އުޅޭ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.