ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ކަނޑައެޅުއްވި ވައުދުތަކު ތެރޭގައި ހިމެނޭ މެންޓަލް ހެލްތު ސެންޓަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އައިޖީއެމްއެޗްގައި ގާއިމް ކުރި މި ސެންޓަރު ރައީސް ހުޅުވައިދެއްވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި މަރުކަޒަކީ ނަފްސާނީ ބަލި ތަހައްމަލްކުރާ މީހުންނަށް ރައްކާތެރި އަދި އެފަދަ މީހުންނާއި އެމީހުންގެ އާއިލާތަކުގެ އިތުބާރު ހޯދައިގެން ފަރުވާ ފޯރުކޮށްދިނުމުގެ މަގުސަދުގައި ހުޅުވި މަރުކަޒެކެވެ. މި މަރުކަޒުގައި އައުޓްޕޭޝަންޓް، އިންޕޭޝަންޓް ހިދުމަތްތަކުގެ އިތުރުން މަލްޓިޑިސިޕްލިނަރީ އެޕްރޯޗެއް މެދުވެރިކޮށް މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ވެސް މަސައްކަތްކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުމާއި، އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި، ބަލި ދެނެގަތުމާއި، ބޭހުގެ އެހީގައި ފަރުވާދެވޭނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މީގެ އިތުުރުން ސައިކޮލޮޖިކަލް ހިދުމަތްތަކާއެކު ފަރުވާ ދިނުމާއި، ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ހިދުމަތްތައް ދެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްޗުން ބުނީ ސަރަހައްދީ ހޮސްޕިޓަލްތަކާ ގުޅިގެން، އައުޓްރީޗް ސްޕެޝަލިސްޓް ހިދުމަތްވެސް މި ސެންޓަރުން ފޯރުކޮށްދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މީގެ އިތުރުން އަތޮޅު އަދި ރަށު ފެންވަރުގައި މި ސެންޓަރުގެ ހިދުމަތް ލިބޭނެ ގޮތަށް، ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއާ ކޯޑިނޭޓަރުން ބޭތިއްބުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަރުކަޒުގެ ހިދުމަތް، ކުރިމަގުގައި އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް، ތަޖްރިބާ ލިބިފައިވާ ޑޮކްޓަރުންނާއި، އެހެނިހެން ފަންނީ މީހުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުން އިއުލާނު ކުރި، މަތީ ތައުލީމުގެ ލޯން ސްކީމްގައިވެސް، ނަފްސާނީ ބަލީގެ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ބޮޑު އަދަދެއް ކަނޑައަޅާފައިވާނެކަމަށް ރައީސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.