އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ މީހަކަށް ވުމަކީ މުހިންމުކަމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު، އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ، "ގްލޯބަލް މަނީ ވީކް" ފެށުމަށް އިސްކަންދަރު ސްކޫލްގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގަވަރުނަރު ވިދާޅުވީ، ޒުވާން އުމުރުގައި ރިޓަޔަމަންޓަށް ފަހަށް ރައްކާ ކުރަން ޕްލޭނެއް ކުރާއިރު، މާކެޓްގައި ލިބެން ހުރި ފެސިލިޓީތަކަކީ ކޮބައިކަން ދެނެގަނެގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ވީހާވެސް ކުޑައިރުއްސުރެ ލިބޭ އާމްދަނީއިން ކަންކަން ހަމަޖައްސަން ދަސްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި މިހާރު ކުދިންނަށް ޕޮކެޓްމަނީގެ ގޮތުގައި ލިބޭ ފައިސާ ފޮތެއްގައި ނަމަވެސް، ފައިސާ ލިބުނު ވަރާ ކުރި ހަރަދު ރެކޯޑު ކުރުމުގެ މުހިންމުކަން ގަވަރުނަރު ފާހަގަ ކުރެއްވެވިއެވެ. އަދި އެއީ އޭގެ ސަބަބުން މުޅި އުމުރުގައި އޭގެ ފައިދާ ލިބިގެންދާނެކަމެއް ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

"ގްލޯބަލް މަނީ ވީކް" ގެ ބޭނުމަކީ ފަހަށް ރައްކާ ކުރުމާއި ފައިސާ އާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމެވެ. މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 30 ގެ ނިޔަލަށެވެ.