އެންވަޔަމަންޓް މިނިސްޓްރީ އާ މާލޭ ސިޓީ ކައުންސިލް ގުޅިގެން މާލެތެރެ ފެހި ކުރުމަށް ކުރިއަށް ގެންދާ "ރަށްފެހި" ޕްރޮގްރާމް، މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމް މިއަދު ފައްޓަވައި ދެއްވީ، އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. މި ކަން ފައްޓަވައި ދެއްވުމުގެ ގޮތުން ޑރ. ހުސައިން ރަޝީދު ވަނީ މާލޭ ރިންގް ރޯޑުގައި ގަހެއް އިންދަވައި ދެއްވާފައެވެ.
"ރަށްފެހި" ޕްރޮގްރާމް ގެ ދަށުން މާލޭގައި 2700 ގަސް އިންދުމަށް ހަމަޖެހިފައި ވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މަގުތަކުގައި އިންދަން ހަމަޖެހިފައި ވަނީ ރާއްޖޭގައި މިހާރު ވެސް އާންމުކޮށް ހުންނަ އެކި ވައްތަރުގެ ގަސް ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
މާލެ ތެރެ ފެހިކުރުމަށް އިންދުމަށް ބޭނުންވާ 2700 ގަސް އެންވަޔަރަމަންޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެމިނިސްޓްރީން ހަވާލު ކުރި ގަހުގެ ތެރޭގައި، ހިތި ގަހާއި ބޮޑު ޖަވާހިރު ފަދަ ބޮޑެތި ގަސްތައް ހިމެނެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ގަސްތައް އިންދުމުގައި އިސްކަން ދެވޭނީ މާލެ ފަދަ މާހައުލަކާ ގުޅޭ ވައި ސާފު ކުރާފަދަ ގަސްތަކަށް ކަމަށާ ރާއްޖޭގެ މާހައުލުން މަދުވެފައި ހުރި މީރުވަސް ދުވާ މާ ގަސްތަކަށް ކަމަށެވެ. އޭގެ ތެރޭގައި ކަރަންކާ މަލާއި ޗަމްޕާ ޕޫލް ފަދަ މާ ގަސް ހިމެނޭ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މުޅި ރާއްޖެ ފެހި ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.