މިއީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވާތީ ހޫނުން ރައްކާތެރިވުމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްވަރެއް ކަމުން ހޫނުން ރައްކާތެރި ވުމަށްޓަކައި ފިޔަވަޅުތައް އެޅުމާ ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެއެވެ.
އަވިގަދަވެ ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ ބައެއް ސިއްހީ މައްސަލަ ތަކުގެ ތެރޭގައި ހަށިގަނޑުގައި ފެން މަދުވެ ވަރުދެރަވުމާއި، އަކުނިވަޔަށްދެމުމާއި ބޮލުގައި ރިއްސާ، ބޯ އެނބުރުމާއި ލޮލަށް ގެއްލުން ލިބުން ހިމެނޭ ކަމަށާއި އަދި ގައިގެ ހަމަށް އެކި މައްސަލަތައް ދިމާވެ ފޮޅުނެގުން ފަދަ ކަންތައްވެސް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން އެއްވެސް ސިއްހީ މައްސަލައެއް ކުރިމަތި ވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
މީގެއިތުރުން ހޫނުން ރައްކާތެރި ވުމަށް ކުޅިވަރު ކުޅުމާއި އެކިއެކި ހަރަކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމު ކުރުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ފިނި ގަޑިތަކުގައި އެފަދަ އިންތިޒާމްތައް ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
އަދި އެންމެ ހޫނުގަދަ ގަޑިތަކުގައި އަވީގައި އުޅޭ މިންވަރު ވީހާވެސް މަދު ކުރުމަށާއި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިމާއި ހަކުރު އަދި ކެފޭން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުހެލިވުމަށް އިލްތިމާސް ކޮށްފައިވެއެވެ.