ހުކުރު ދުވަހު ހުކުރު ނަމާދަށް ތައްޔާރުވެގެން ތިއްބާ ކްރިސްޓްޗާޗްގެ 2 މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާ ލައިވް ސްޓްރީމް ކޮށް އަޕްލޯޑް ކުރި ވީޑިއޯއާ ޝެއާކުރި 1.5 މިލިއަން ވީޑިއޯ ފޭސްބްކުން ނަގައިފި ކަމަށް އެކުންފުނިން ބުނެފިއެވެ.

އެފްބީން ބުނީ އެޑިޓްކޮށް އަދި އެނޫން ގޮތްގޮތަށް އަޕްލޯޑް ކުރުމަށް މަސައްކަތް ކުރި 1.2 މިލިއަން ވީޑިއޯ ހުއްޓުވަފައިވެސް ވާކަމަށެވެ. އެފްބީން ބުނެފައިވަނީ އެ ވީޑިއޯތައް ނަގަނީ އެއީ އާންމު މިންގަނޑާ ހިލާފު މަންޒަރުތައް ފެންނަ ވީޑިއޯ ކަމަށް ވާތީއެވެ.

އެފްބީން އިތުރަށް ބުނެފައިވަނީ ކްރިސްޓްޗާޗަށް ހަމަލާ ދިން ޓެރަރިސްޓް ލައިވްސްޓްރީމް ކުރި އޭނާގެ އެފްބީ އެކައުންޓާއި އިންސްޓަގްރާމް އެކައުންޓެވެސް މިހާރު ޑިލީޓް ކޮށްފައި ވާކަމަށެވެ.

ނިއުޒީލަންޑްގެ ކްރިސްޓްޗާޗަށް ދިން ހަމަލާއަކީ އެގައުމުގައި ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލާއެވެ. އެހަމަލާގައި 50 މީހުން މަރުވެ 50 މީހުން ވަނީ ޒަހަމްވެފައެވެ.

ކްރިސްޓްޗާޗް މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާ ދިން މީހާ ބަޑި ހިފައިގެން ވަދެ އެއެއް މިއެއް ނުބަލައި ފެނުނު ކޮންމެ މީހެއްގެ ގަޔަށް ބަޑިޖަހާތަން ވީޑިއޯއިން ފެނެއެވެ. އެތައް އިރަކު މިސްކިތްތެރޭގައި ހޭދަކުރުމަށް ފަހު ބޭރަށް ނުކުމެ އޭނާ އައި ކާރު ކައިރިއަށް ގޮސް ބަޑި ބަދަލު ކޮށްގެން އަނެއްކާވެސް މިސްކިތަށް ވަދެއެވެ. އަދި ހަރަކާތެއް ކިރިޔާ ފެނުނަސް އެމީހެއްގެ ގަޔަށް އަނެއްކާވެސް ބަޑި ޖަހައެވެ. ޓެރަރިސްޓް ހަމަލާ ދިން މީހާ މިސްކިތުން ނުކުމެގެން ގޮސް ކާރަށް އަރައިގެން ދަމުން ވިންޑްޝީލްޑް ތެރެއިން މަގުގެ ދެފަރާތަށްވެސް ބަޑި ޖަހައެވެ.

މިހަމަލާ ދިނުމުގައި ގިނަ ވަގުތުތައް ހޭދަވެގެން ދިޔަ އިރު ކްރިސްޓްޗާޗްގެ ސަލަމަތީ ބާރުތަކަށް އެސަރަހައްދަށް ދިއުމުގައި ލަސަތަކެއް ވެފައި ވާކަމަށް ވީޑިއޯ ބެލި ބައެއް މީހުން އަންނަނީ ބުނަމުންނެނެވެ.