ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތުން ކައުންސިލްތަކުގެ ގޮނޑީގެ ވަކި އިންސައްތައެއް، ހަމައެކަނި އަންހެނުންނަށް ހާއްސަކުރުމަށް، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލް، ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ މިއީ ސިޔާސީ ގޮތުން ކަންކަން ނިންމުމުގައި، އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވަނީ، މިހާރު ގައުމު އޮތް ހާލަތުން އެއަށްވުރެ މަތީ މަރުހަލާއަކަށް ގެންދެވޭނީ، އަންހެނުން ބާރުވެރިކުރައްވައިގެން ކަމަށެވެ.

"އިންސާނީ ނަސްލު ފުރިހަމަވެގެންދަނީ އަންހެނުންނާއެކު. އިންސާނީ ވަންހަ އެ މައްޗަށް ބިނާވެފައިވާ ތަރަހައަކީވެސް އަންހެނުން. އެހެންވީމާ، އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމައު ބާރުވެރިވެގެންދާނެ ކަމެއް. އެއީ ފިރިހެނުންވެސް ބާރުވެރިވުން. މިފަދަ މުހިންމު ބަޔަކު ބާކީކޮށް، ހަވާސާކޮށްލައިގެން ހޯދޭނެ ކުރިއެރުމެއް ނޯންނާނެ. އަންހެނުންނާމެދު ކަމޭހިތައި، އޯގާތެރިކަން އިސްކޮށް، އަންހެނުން ބާރުވެރިކުރުވައި، މުޖްތަމައުގައި ހައްގު މަގާމަށް އަންހެނުން ގެންގޮސްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމުގައި އަދި ހާއްސަކޮށް، މި ދާއިރާގެ ކަންތައްތައް ތަރައްގީ ކުރުމުގައި، މި އަހަރުގެ ތެރޭގައި ސަރުކާރުން ކުރަން ނިންމާފައި ހުރި ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، އިންތިހާބު ކުރެވޭ ސިޔާސީ މަގާމުތަކުގައި މިހާރުވެސް ގިނައީ ފިރިހެނުން ކަމަށާއި، ނަމަވެސް އެ އިންތިހާބުތަކުގެ ކެމްޕޭން މެޝިން ހިންގައިދޭ ގިނަ މީހުންނަކީ އަންހެނުން ކަމަށެވެ. އަދި ހުރަސްތައް ކުރިމަތިވަނީ، އަންހެން މީހާ ސިޔާސީ މަގާމަކަށް ނުކުންނަން ބޭނުންވާ ހިސާބުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަންހެނުންނަށް ހަމަހަމަ ފުރުސަތާއި، މަތީ މަގާމުތައް ހޯދައިދިނުމުގެ ވާހަކަ، ލައްކަ ދުވަހު އަޅުގަނޑުމެންނަށް ދެއްކިއްޖެ. ގެވެށި އަނިޔާ ހުއްޓުވައި، ތަފާތުކުރުން ނައްތައިލާނެ ވާހަކަވެސް ވަރަށް ގިނައިން ދެކެވިއްޖެ. މި ސަރުކާރުން ބޭނުންވަނީ، ބަސް މަދުކޮށް، އަމަލީ ގޮތުން އެކަންކަން ހާސިލު ކުރަން" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ގާއިމުކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، މި މަހުގެ ތެރޭގައި ބޭންކަކަށް ބަދަލުވެ، ލޯނު ދޫކުރަން ފެށުމުން، އަންހެނުންގެ ބައިވެރިވުމާއެކު އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށެވެ. އަދި އެ އަމާޒު ހާސިލުކުރުމަށް، އެސްއެމްއީ ލޯނުގެ 20 އިންސައްތަ ހާއްސަ ކުރައްވާނީ އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށެވެ.