ސަރުކާރު ހިންގާ ކޯލިޝަން އުފެއްދީ އެއްބަސްވުމަކާއި އެއްކޮށްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން މައުމޫން އަބްދުލްގައްޔޫމްގެ ތާއީދުއޮތް ކަމުގެ ލިޔުން ކެންޑިޑޭޓުންނާއި ހަވާލުކުރުމަށް ބޭއްވި މާއްދާ ހަތަރެއްގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުހިންމު ގައުމީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ކޯލިޝަން އުފެއްފުމުގެ ގޮތުން ހަތަރު ޕާޓީން އެއްބަސްވުމެއްގައި ސޮއި ކުރީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި ކޯލިޝަނާއި އެއްގޮތަށް އަމަލުކުރުމަށް ވައުދުވެފައި ވާ ކަމަށާ އޭރު އެއްބަސްވެފައި އޮތް ގޮތަށް އަމަލުކުރިނަމަ ވަރަށް ފަސޭހަވީސް ކަމަށް ވިދާޅުވިއެވެ.

"ކުރިން ކޯލިޝަންގެ ހަތަރު ޕާޓީ އެއްބަސްވެފަ އޮތް ގޮތަށް (އެމްޑީޕީ 35، ޖުމްހުރީ ޕާޓީ 22، އެމްއާރްއެމް 17، އަދާލަތު ޕާޓީ 12) އަމަލުކުރިނަމަ ވަރަށް ފަސޭހަވީސް، އޭރުން ނުޖެހޭނެ އެއް ދާއިރާއަކުން އަޅުގަނޑުމެން އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކާއި ވާދަކުރާކަން، އޭގެ ސަބަބުން ގޮޑި ގެއްލޭކަން ނުޖެހޭނެ" އެހެން ނަމަވެސް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި ޝައްކެއްނެތި އެބޭފުޅުންވެސް އެކަމާ ހިތާމަކުރައްވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ނަމަވެސް އެމްއާރުއެމް އޮންނާނީ ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރޭގައި ކަމަށާއި ދެމިތިބޭނީ ސަރުކާރަށް ތާއިދުކުރުން މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަސް ފެނުނީ ވަރަށް ހަލަބޮލި ހަމަނުޖެހުން ބޮޑު ގައުމަށާއި ރައްޔިތުންނަށް ވަރަށް ތަފާތު ގެއްލުންތަށް ލިބެމުންދިޔަ އަހަރުތަކެއް ގޮތުގައި ކަމަށް ވިދާޅު ވަމުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އިތުރުވެ މާޔޫސްވާ ހިސާބަށް ކަންތައްތައް ގޮސްފައިވާ އަހަރުތަކެއްގެ ގޮތުގައި ކަމަށް މައުމޫނު ވުދާޅުވިއެވެ. އެއީ ދެން ދެކެވަޑައިގަންވަން ބޭނުންފުޅުވާ މަންޒަރެއް ނޫންކަމަށް މައުމޫން ވިދާޅުވިއެވެ.

މިކަން ކުރެވޭނީ ސަރުކާރުގެ ފަހަތުގައި އެންމެން ތިބެގެން ސަރުކާރުގެ ސިޔާސަތު ތަކަށާއި ސަރުކާރުގެ ނިންމުން ތަކަށް ތާއީދުކޮށްގެން އެގޮތުގެ މަތީގައި މަސައްކަތް ކޮށްގެން ކަމަށް މައުމޫން ވިދާޅިވިއެވެ.

މާއްދާ ހަތަރަކީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއެވެ. މާއްދާ ހަތަރެއް މާނަކޮށްދެއްވަމުން މައުމޫން ވިދާޅުވީ އެއީ ޑިމޮކްރަސީގެ ހަގީގީ މާނަ އާއި ޑިމޮކްރަސީގެ ޖައުހަރާ އޭގެ އަސާސް ކަމަށެވެ.

މާއްދާ ހަތަރެއްގެ އެޖެންޑާއަކީ 2019 ވަނަ އަހަރަށް ހާއްސަވެފައިވާ އެޖެންޑާއެއް ނޫން ކަމަށާއި މާއްދާ ހަތަރެއް އެެއީ މުޅި އުމުރަން ދެމިގެންދާނެ އެޖެންޑާއެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

އެމްއާރުއެމްގެ ތާއީދާއެކު މި އަހަރުގެ މަޖިލީސް އިންތިހާބަށް ކުރިމަތިލަނީ 20 ކެންޑިޑޭޓުންނެވެ.