އަންހެން ވިޔަފާރިވެރިންގެ ތަރައްގީއަށް މަސައްކަތް ކުރާނެ ޖަމްއިއްޔާއެއް އުފައްދަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.
އެ މިނިސްޓްރީން އެގޮތަށް ނިންމީ އަންހުން ކުރާ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ދެނެގަތުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބައްދަލުވުމެއް ބޭއްވުމަށް ފަހު އެ ބައްދަލުވުމުން ނުކުތް ނަތީޖާއެއްގެ ގޮތުންނެވެ. އިކޮނޮމިކް މިނިސްޓްރީން ބޭއްވި އެ ބައްދަލުވުމުގައި އަންހެނުން ކުރާ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ވަނީ ދެނެގަންފައެވެ. އެގޮތުން ހުރިހާ އަންހެން ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުސަތު ލިބޭނެ އެއް ޕްލެޓްފޯމެއް ގާއިމް ކުރުމަށް ފެންނަ ކަމަށް ބައްދަލުވުމުގެ ބައިވެރިން އިއްތިފާގު ވިއެވެ.
އިކޮނޮމިކްސް މިނިސްޓްރީން ބުނާގޮތުގައި މިހާތަނަށް ދިވެހިރާއްޖޭގައި "ވިމެންސް ޗެމްބާ" ގެ ނަމުގައި އަންހެން ވިޔަފާރިވެރިންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް 10 މެމްބަރުންގެ ބައިވެރިވުމާއެކު މޯލްޑިވްސް "ވިމެންސް ޗެމްބާ އޮފް ކޮމާސް"ގެ ނަމުގައި 17 ނޮވެމްބަރު 2016 ގައި ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިކޮނޮމިކްސް މިނިސްޓްރީން ބުނެވެ.
ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުުގައި އަންހެން ވިޔަފާރިވެރިންގެ ތަރައްގީއަށް މަސައްކަތް ކުރާ ފަރާތްތަކުން މާލީ އަދި ފަންނީ އެހީ ދިނުމަށްޓަކައި އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅުވައިދިނުމަށް ސަރުކާރުގައި އެދޭ ހާލަތްތަކުގައި ހުރިހާ ވިޔަފާރިވެރިން ތަމްސީލު ކުރެވޭފަދަ ޖަމްއިއްޔާއެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް އިކޮނޮމިކްސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން، "ނެޝަނަލް ވިމެންސް ޗެމްބާ އޮފް ކޮމާސް" ގެ ނަމުގައި ޖަމްއިއްޔާއެއް އުފައްދަން ނިންމާފައި ވާކަމަށް އިކޮނޮމިކްސް މިނިސްޓްރީން ބުންޏެވެ. އިކޮނޮމިކްސް މިނިސްޓްރީން ބުނީ މި ޖަމްއިއްޔާގެ މުއައްސިސުންނަށް ވާން ފަންސާހަށް ވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ މިނިސްޓްރީން ދަނީ ޖަމްއިއްޔާ އުފެއްދުމަށް ބޭނުންވާ ހިންގާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އަންހެން ވިޔަފާރިވެރިންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވިއަސް މިހާރު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ "މޯލްޑިވްސް ވިމެންސް ޗެމްބާ އޮފް ކޮމާސް ކޯޕަރޭޓިވް ސޮސައިޓީ" އުވާލުމަށް އަންގާފަިއ ނުވާނެ ކަމަށްވެސް އިކޮނޮމިކްސް މިނިސްޓްރީން ބުންޏެވެ.