ރާއްޖޭގެ ސިނަމާގައި ފުރަތަމަ ފަހަރަށް އަޅުވާ ބިރުވެރި ހެއްވާ މަޖާ ފީޗާ ފިލްމް "40 ޕްލަސް" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު އެ ފިލްމުގެ ފުރަތަމަ ތިން ޝޯވްގެ ހައުސްފުލްވެފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސާ އިސްމާއީލް ޝަފީގު ވިދާޅުވެއްޖެއެވެ.
މީ މި އަހަރު އޮލިމްޕަހުގައި އަޅުވާ ތިންވަނަ ދިވެހި ފިލްމަށް ވީއިރު މި ފިލްމު އޮލިމްޕަހުގައި އަޅުވާނީ މިއަދުން ފެށިގެން މިމަހުގެ 24 އަށެވެ. ޖުމްލަ 20 ޝޯވް އެޅުވުމަށް ހަމަޖެހިފައިވީ ނަމަވެސް ބެލުންތެރިންގެ ތަރުހީބަށް ބެލުމަށްފަހު އިތުރު ޝޯވްތަކެއް އަޅުވާނެކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ.
އޮލިމްޕަހުގެ އިތުރުން ހުޅުމާލެ ޝްވެކްގައި ވެސް މިފިލްމް އެޅުވުމަށް ވިސްނާފައިވާ ކަމަށާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް މި ފިލްމު އެޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޝްހޫރު އެކްޓަރު ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމް މިރޭ ޕްރިމިއާ ކޮށްދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އަދި މިރޭގެ ޕްރިމިއާ ޝޯވްގައި މިނިސްޓްރީ އޮފް އާޓްސް، ހެރިޓޭޖް އެންޑް ކަލްޗާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ހެއްވާ މަޖާ ކަންތައްތަކެއްގެ ތެރެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ގެނެސްދޭ "40 ޕަލްސް"ގެ ރަސްމީ ޓީޒާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އާންމުންނަށް ދައްކާލާފައެވެ.
40 ޕްލަސް އަކީ 2012 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ޔޫއްޕެ ގެނެސްދިން މަގްބޫލު އަދި ކާމިޔާބު ފިލްމް "ނޯޓީ 40" ގެ ދެވަނަ ބައެވެ. ތ. ބުރުނީގައި މަންޒަރުތައް ނަގާފައިވާ "40 ޕްލަސް" އިން މިދިޔަ ފިލްމުގައި ހަރަކާތްތެރިވި ގިނަ ކާސްޓުން ފެނިގެން ދާނެއެވެ. އޭގެ އިތުރުން ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ވެސް މި ފިލްމުން ތައާރަފުވެގެން ދާނެއެވެ.
މި ފިލްމުގައި ހަރަކާތްތެރިވާ މަޝްހޫރު ތަރިންގެ ތެރޭގައި ކުޅަދާނަ ބަތަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުހައްމަދު ފައިސަލް، ޔޫސުޕް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، އަހުމަދު ސައީދު، މުހައްމަދު މަނިކު، ސްޓެޕް އައްޔަ، މަރިޔަމް ޝަކީލާ އަދި އާނަންދު ހިމެނެއެވެ.
އޭގެއިތުރުން ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް މި ފިލްމުން ފެންނާނެއެވެ.
އަހަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ މި ފިލްމުގެ ޓިކެޓު އޮލިމްޕަހުން ލިބެން ހުންނާނެއެވެ.