އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަ އިންސްޓޯލްމަންޓް ޕެކޭޖްތަކަކާއެކު ސެމްސަންގް ގެލެކްސީ އެސް10 އަދި އެސް10 ޕްލަސް ތައާރަފް ކޮށްފިއެވެ.

އުރީދޫ އާއި ސެމްސަންގް ގުޅިގެން ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ފޯނު ސެމްސަންގް ގެލެކްސީ އެސް10 އަދި އެސް10 ޕްލަސް މިއަދު ހަވީރު އެ ކުންފުނީގައި ބޭއްވި ހަފްލާއެއްގައި ވަނީ ތައާރަފްކޮށް ޕްރީއޯޑާއަށް ހުޅުވާލާފައެވެ.

އުރީދޫ ކަސްޓަމަރުންނަށް މި ފޯނު ގަތުމަށް ދެ ޕްލޭނެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. އެއީ ފުލް ޕޭމަންޓް ޕްލޭނާއި މަންތްލީ އިންސްޓޯލްމަންޓް ޕްލޭނެެވެ.

ފުލް ޕޭމަންޓް ޕްލޭން

ފުލް ޕޭމަންޓް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނު ގަނެވޭއިރު، މި ޕެކޭޖްގެ ދަށުން އެއް އަހަރުގެ މުއްދަތަށް މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

  • ސެމްސަންގް ގެެލެކްސީ އެސް10 (128 ޖީބީ) 12،999 ރުފިޔާ
  • ސެމްސަންގް ގެެލެކްސީ އެސް10 ޕްލަސް (128 ޖީބީ) 14.499 ރުފިޔާ
  • ސެމްސަންގް ގެެލެކްސީ އެސް10 (512 ޖީބީ) 18،199 ރުފިޔާ
  • ސެމްސަންގް ގެެލެކްސީ އެސް10 ޕްލަސް (އެއް ޓީބީ) 23،599 ރުފިޔާ

މަންތްލީ އިންސްޓޯލްމަންޓް ޕްލޭން

މަންތްލީ އިންސްޓޯލްމަންޓް ޕްލޭންގައި ހިމެނެނީ މަހަކު އެންމެ 942 ރުފިޔާ ދައްކަވައިގެން ސެމްސަންގް ގެލެކްސީ އެސް 10 އަދި އެސް10 ޕްލަސް ފޯން އެއް އަހަރު ދުވަހުގެ އިންސްޓޯލްމަންޓަށް ގަނެވޭނެ ޕްކޭޖްތަކެވެ. މި ޕްލޭން ހާއްސަކުރެވިފައިވަނީ، އުރީދޫ ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ ބޮޑު ޕޯސްޓްޕެއިޑް ޕެކޭޖެއް ގެންގުޅޭ ކަސްޓަމަރުންނަށެވެ. މި ޕެކޭޖްތައް މެދުވެރިކޮށް 12 ޖީބީގެ ހިލޭ ޑޭޓާ ލިބި ވަރަށް އަގުހެޔޮކޮށް ފޯނު ގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

  • ސެމްސަންގް ގެެލެކްސީ އެސް10 (128 ޖީބީ) އަޕް ފްރަންޓް ޕޭމަންޓް 1999 ރުފިޔާ، މަހަކު 942 ރުފިޔާ
  • ސެމްސަންގް ގެެލެކްސީ އެސް10 ޕްލަސް (128 ޖީބީ) އަޕް ފްރަންޓް ޕޭމަންޓް 2999 ރުފިޔާ، މަހަކު 992 ރުފިޔާ
  • ސެމްސަންގް ގެެލެކްސީ އެސް10 (512 ޖީބީ) އަޕް ފްރަންޓް ޕޭމަންޓް 2999 ރުފިޔާ، މަހަކު 1300 ރުފިޔާ
  • ސެމްސަންގް ގެެލެކްސީ އެސް10 ޕްލަސް (އެއް ޖީބީ) އަޕް ފްރަންޓް ޕޭމަންޓް 2999 ރުފިޔާ، މަހަކު 1775 ރުފިޔާ

ރާއްޖޭގައި ސެމްސަންގް އެސް10 ސީރީޒް ތައާރަފް ކުރުމަށް ބޭއްވުނު ހަފްލާގައި، ސެމްސަންގް އިންޑިއާ އިލެކްޓްރޯނިކްސްގެ އިސްވެރިންނާއި އުރީދޫގެ ސީއީއޯ ނަޖީބް ޙާން އަދި އުރީދޫގެ ޑައިރެކްޓާ އޮފް ބްރޭންޑް އެންޑް ސޭލްސް ހުސައިން ނިޔާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން އެ ހަފްލާގައި ވާހަކަދައްކަވަމުން ވިދާޅުވީ އުރީދޫގެ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި އިންސްޓޯލްމަންޓަށް ގެލެކްސީ އެސް10 ލިބޭނެ ކަމަށާއި އަދި ކޮންމެ ފޯނަކާ އެކު ގެލެކްސީ އިޔާ ބަޑެއް ހިލޭ ލިބޭނެ ކަމަށެވެ.

ނިމިގެން ދިޔަ އަހަރު އުރީދޫ މޯލްޑިވްސް އިން 5ޖީ ހިދުމަތުގެ ޑެމޮންސްޓްރޭޝަނެއް ދައްކާލާފައި ވާއިރު، މިއަދު އެ ކުންފުނިން ތައާރަފްކުރި ސެމްސަންގް ގެލެކްސީ އެސް10 އަކީ، "ސެމްސަންގް ގެލަކްސީ އެސް" ސީރީޒްގައި އެންމެ ފަހުން ތައާރުފުކުރި ފޯނުތަކުގެ ތެރެއިން 5ޖީ ނެޓްވޯކްތަކުގައި ބޭނުންކުރެވޭ ފެންވަރުގެ ހަމައެކަނި ފޯނެވެ.