ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އިން ސެމްސަންގް އެސް10 އަދި އެސް10 ޕްލަސް މިރޭ ލޯންޗުކޮށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އަންނަ ހުކުރު ދަވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ދިރާގުން މިރޭ ސެމްސަންގް އެސް10 އަދި އެސް10 ޕްލަސް ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިމަހު 8 އިން ފެށިގެން ކުރިއަށް ދާނެކަމަށް ބުންޏެވެ. އަދި ޕްރީއޯޑާ ކުރާ ކޮންމެ ފޯނަކާއެކު އިއާ ބަޑެއް ހިލޭ ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އެސް10 ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ  ތެރެއިން / ފޮޓޯ: ހުސައިން މަޚްތޫމް | ދަޕްރެސް

ސެމްސަންގް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ސެމްސަންގް ގެލެކްސީގެ އެސް10 ސީރީސްގެ ފޯނު ދިރާގުން ލޯންޗުކޮށްފައި ވަނީ އެ ކުންފުނީގެ ހެޑް އޮފީސް ޕޯޓިކޯ އޭރިއާގައި މިރޭ ބޭއްވި ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، ސެމްސަންގް އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އިޝާން މި ހަފްލާގައި ވަނީ، އެސް10 ފޯނުގެ ތައާރަފެއް ދީފައެވެ. ފޯނުގެ ޑިޒައިނާއި ފޯނުގެ އިތުރު ހާއްސަ ފީޗާތަކާއި، އެސް10 ފޯނުން ކުރެވޭ ބޭނުންތައް ވަރަށް ފުރިހަމައަށް އިޝާން ވަނީ ހިއްސާކޮށްފައެވެ.

ދިރާގުން އެސް10 އަދި އެސް10 ޕްލަސް ލޯންޗުކުރި ހަފްލާގެ  ތެރެއިން ؟ ފޮޓޯ: ހުސައިން މަޚތޫމް | ދަޕްރެސް

އެސް10 ގައި މުޅިން އާ ޓެކްނޮލޮޖީ ހިމަނާފައިވާ ކަމަށާއި އޭގެތެރޭގައި އަލްޓްރާސޮނިކް ފިންގާޕްރިންޓް ސްކޭނާ އަދި އެސް10ގެ ސްކްރީން ޓެކްނޮލޮޖީގެ ފުރިހަމަކަން ވެސް އިޝާން ވަނީ ކަސްޓަމަރުންނަށް ކިޔައިދީފައެވެ.

މި ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތުގައި ނަަސީބުވެރި ފަރާތެއް ހޮވާފައި ވަނީ ދިރާގުން ދިން ނަންބަރަކަށް "އެސް10" ޖަހާފައި މެސެޖްކުރި ފަރާތްތަކުގެ ތެރޭގައެވެ. ކޮންމެ ނެޓްވޯކެއްގެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ބޭއްވި ލަކީ ޑްރޯގައި މެސެޖްކުރި ފަރާތްތަކުގެ މެދުގައި ނަސީބުވެރި ފަރާތެއް އެ ކުންފުނިން ވަނީ ހޮވާފައެވެ. އެ ފަރާތަކީ "7889589" ދިރާގުގެ ނަންބަރުން މެސެޖްކުރި ފަރާތެވެ.

މި ރަސްމިއްޔާތުގައި ހޮވި ނަސީބުވެރި ފަރާތަށް އެސް10 ޕްލަސް ފޯނާ އެކު ސެމްސަންގް އިއާ ބަޑް ހިލޭ ލިބޭނެކަމަށާއި މިތަކެތި އެ ފަރާތަށް ހަވާލުކުރެވޭނީ ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް ފޯނު ހަވާލުކުރާ ހަފްލާގައި ކަމަށް ދިރާގުން ބުނެއެވެ.