މިދިޔަ އަހަރުގެ ނިޔަލަށް އުރީދޫ މޯލްޑިވްސްގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަދަދު 440،000 އަށް ވުރެ މައްޗަށް ގޮސްފިކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން ނެރުނު އަހަރީ ރިޕޯޓުގައި އެ ކުންފުނީގެ ހިދުމަތް ފުޅާވެފައިވާ މިންވަރު ހާމަކުރަމުން ބުނެފައި ވަނީ، މިދިޔަ އަހަރު ނިމުނު އިރު އެ ކުންފުންނީގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަދަދު 440،000 އަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތައް ހިމެނެއެވެ.

ފާއިތުވި ފަސް އަހަރު ތެރޭގައި ސަބްސްކްރައިބަރުންގެ ކޮމްޕައުންޑް އެނުއަލް ގްރޯތް ރޭޓް (ސީއޭޖީއާރް)ގެ ގޮތުގައި 12.4 އިންސައްތަ ހާސިލް ކުރެވިފައިވާއިރު އާމްދަނީގެ ސީއޭޖީއާރްގެ ގޮތުގައި 22.7 އިންސައްތަ ވަނީ ހާސިލްވެފައެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ: ހުސައިން މަޚްތޫމް | ދަޕްރެސް

ވިޔަފާރީގެ މައިދާނުގައި މިދިޔަ އަހަރަކީ އުރީދޫއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރަކަށް ވީ ނަމަވެސް އެ ކުންފުނީގެ އާމްދަނީ ވަނީ 107 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އޭގެ އިތުރުން 545 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ، ރާއްޖެއަށް އީޖާދީ އާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް 2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ އާ ކަސްޓަމަރުންނަށް މަރުހަބާ ކިޔައި، މޯބައިލް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސްގެ ދާއިރާއިން ފާހަގަކުރެވޭ ކުރިއެރުންތަކެއް އުރީދޫން ހޯދާފައިވެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗެއާމަން ހާލިދު އިބްރާހީމް އަލް މަހްމޫދު ވިދާޅުވީ، އީޖާދީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކެނޑިނޭޅި އެ ކުންފުނިން ކުރާ މަސައްކަތުގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީ ކަސްޓަމަރުންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބެމުންދާ އެއްބާރުލުމާއި ތަރުހީބެވެ. އެކަމަށް ކުންފުނީގެ ނަމުގައި ޗެއާމަން ވަނީ ހުރިހާ ކަސްޓަމަރުންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމައަށް އެންމެ ބާރު ސްޕީޑުގައި 3ޖީ އަދި 4ޖީ ވިއުގަތައް ގާއިމުކުރި އުރީދޫ މޯލްޑިވްސް ނިމިދިޔަ އަހަރު އެންމެ ހަލުވި މިނުގައި 5ޖީ ހިދުމަތުގެ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެވެ.