ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލު އެކުލަވާލާ އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މި ބިލު އެކުލަވާލާފައިވަނީ ރާއްޖޭގައި ގާއިމްވެގެން ހިނގާ ވިޔަފާރިތަކުގެ މެދުގައި، ވާދަވެރިކަން އުފައްދާ ދެމެހެއްޓުމަށްޓަކައި، ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުން ކަމަށެވެ.

އަދި މި ބިލުގައި ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރިވެރި އަމަލުތައް މަނާކުރުމާއި، މާކެޓުގައި ނުފޫޒު ފޯރުވޭނެ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއް ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުން މަނާކުރެވޭ ނިޒާމެއް ގާއިމްކުރެވޭނެ ގޮތްތައް ކަނޑައަަޅާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އެއް ވިޔަފާރިއެއް، އަނެއް ވިޔަފާރިއަކާ 'މާޖާއެއް' ހެދުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ހިލާފަށް ހުރަސްއެޅިގެންދާ ދިއުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމާބެހޭ އުސޫލުތައް އެކުލަވާލުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

"މިބިލަކީ ޖުމްލަގޮތެއްގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމާ ބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރުމަށް އެކުލަވާލާފައިވާ ބިލެއް" އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 11 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

މި ބިލުގެ މަގްސަދުގެ ތެރޭގައި ހިމެނެނީ؛

- ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަމުގެ ސަގާފަތެއް އާލާކުރުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރި މާހައުލެއް ކުރިއަރުވައި ދެމެހެއްޓުން.

- ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރީގެ ފެންވަރު މަތިކުރުން.

- ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި، އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރުފުކުރުމަށް ހިތްވަރުދިނުން.

- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގެ އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތުތައް ހުޅުވާލުމާއި، އެފަދަ ވިޔަފާރިތަކަށް އެ ފުރުސަތުތައް ކަށަވަރުކޮށްދިނުން، އަދި

- މުދާ ގަތުމާއި ހިދުމަތް ހޯދުމުގައި އާންމުންނަށް އޮންނަ އިހްތިޔާރާއި ފުރުސަތުތައް އިތުރުކުރުމެވެ.