މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޕޭނުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ކެންޑިޑޭޓަކު، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފިކުރީ މުދަލަށް ބަދަލުގެނެސް ބޭނުން ކުރަމުން ދާތީ އެޕާޓީގެ ފާރާތުން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށައަޅާފައި ވާކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީން ބުނީ ޕާޓީގެ ފިކުރީ މުދާ ނާޖާއިޒު ގޮތުގައި ބޭނުންކޮށް ނުވަތަ އެއަށް ނަގުލީ ސިފަ ގެނެސްގެން، ފޭސްބްކްގަޔާއި، ވައިބާ ގްރޫޕްތަކުގައި، ނައިފަރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ޢަބްދުﷲ ޢަބްދުލްޙަކީމާއި އޭނާގެ ކެމްޕޭނު ޓީމުގައި އުޅޭ ޢަބްދުﷲ ވަދީފު މޫސާ، މާފޮޅޭގެ / ޅ. ނައިފަރު، 2019 ފެބްރުއަރީ 19 އަދި، އެހެން ދުވަސް ދުވަހުވެސް ޕޯސްޓް ކޮށްފައި ވާތީ، އެ މައްސަލަ ބަލައި ދިނުމަށް އީސީއަށް ޝަކުވާ ހުށައަޅާފައި ވާނެ ކަމަށެވެ.

މި މައްސަލައިގައި އެމްޑީޕީ ނައިފަރު ދާއިރާއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ، އަނެކެއްގެ އުފެއްދުމެއް ތިމާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުން ކޮށްގެން ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުން ހިންގާ “ފޮށިފެޅުމުގެ”ކަންކަން އިންތިހާއަށް ކުށްވެރި ކުރާކަމަށެވެ.

ޕާޓީތަކުން ކުލައާ ލޯގޯ ފަދަ ތަކެތި ބޭނުން ކުރާ އިރު ފިކުރީ މުދަލަށް އަރައި ނުގަތުމަށް އީސީން އަބަދުވެސް ނަސޭހަތްތެރިވެއެވެ.