ރާއްޖޭގައި ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރަން އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ހިންގާ ކެމްޕޭން ހަރަކާތެއްގައި ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ޕެރަމޯޓާ ދުއްވުމުގެ އިވެންޓެއް ދިރާގުން ސްޕޮންސާ ކޮށްފިއެވެ.

ޕެރަމޯޓާ ދުއްވުމުގައި މަޝްހޫރުކަން ހޯދާފައިވާ "ސްކައި ގައިސް" އިން ކުރިއަށް ގެންދާ މި އިވެންޓް ގެ މެއިން ސްޕޮންސާ ކަން ދިރާގުން ނެގީ ޕްލާސްޓިކް މަދުކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ ކެމްޕޭނުގެ މުހިންމު ބައިވެރިއަކަށް ވުމަށްޓަކައެވެ.

ޕެރަމޯޓާ ނުވަތަ އިންޖީނުލީ ވައިކުޑަ ދުއްވުމުގެ މި ހަރަކާތުގައި ތަޖުރިބާކާރު 10 ޕައިލެޓުން ބައިވެރިވެއެވެ. ހއ ތުރާކުނުން ފެށިގެން އައްޑުއަށް ޕެރަމޯޓާގައި ކުރާ މިދަތުރަކީ 1000 ކިލޯ މީޓަރުގެ ދިގު ދަތުރެކެވެ. މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ މި މާޗް މަހުގެ 10 ވަނަ ދުވަހުއެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި ޕެރަމޯޓާ ދުއްވުމުގެ މިއިވެންޓު ވެގެންދާނީ ޕްލާސްޓިކް މަދުކުރަން ހޭލުންތެރި ކުރުވުމާއެކު ފަތުރުވެރިކަމުގެ ދާއިރާއިންވެސް ހިންގޭ މިފަހަ އެންމެ ބޮޑު އިވެންޓަށެވެ. އެގޮތުން 'ސްކައި ސްޕޯޓްސް' ގެ ހަރަކާތްތައް ރާއްޖޭގައި ހިންގުމަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.