އުރީދޫ މޯލްޑިވްސް އިން އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރާ ޑިޖިޓަލް ޑިޖިޓަލް އެސިސްޓަންޓު "އެވީ" ދައްކާލައިފިއެވެ.
ބާސެލޯނާގައި މިމަހުގެ 25ން 28އަށް ކުރިއަށް ގެންދާ ބައިނަލްއަގުވާމީ އެތަކެއް ހާއްސަ ޓެކްނޮލޮޖީ ކުންފުނިތަކެއްގެ ބައިވެރިވުމާއެކު، ފަހުގެ އީޖާދުތަކާއި ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ދައްކާލާ މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިޔުސީ) 2019ގައި ވެސް އުރީދޫ މޯލްޑިވްސްގެ ފަރާތުން ވަނީ "އެވީ" ދައްކާލާފައެވެ.
ގޫގުލް އެސިސްޓެންޓް އަދި އެލެކްސާ މެދުވެރިކޮށް ސްމާޓް ހޯމް ވަސީލަތްތަކުން ވެސް، އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ޑިޖިޓަލް ކެއާ އެސިސްޓަންޓް "އެވީ"ގެ ހިދުމަތް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި މި ހިދުމަތް ތައާރަފްކުރާނީ އަންނަ މާޗް މަހުން ފެށިގެން ކަމަށް ވެސް އެފަރާތުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ، 5ޖީ ދުނިޔޭގައި ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އެކަށޭނަ ހައްލުތައް ހޯދައި، އެބޭފުޅުންގެ ޑިޖިޓަލް މުސްތަގުބަލު އިތުރަށް އުޖާލާ ކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގެ ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ.
"ޓެކްނޮލޮޖީ ދާއިރާގެ އެންމެ ކުރިއަރަފައިވާ ލީޑަރުން ބައިވެރިވާ އެމްޑަބްލިއުސީ ބާސެލޯނާގައި، ދިވެހިރާއްޖެ ތަމްސީލުކޮށް، އުރީދޫ މޯލްޑިވްސްގެ ޑިވެލޮޕަރުންގެ އަމިއްލަ އުފެއްދުންތައް މިފަދަ ބާރުގަދަ ޕްލެޓްފޯމެއްގައި ދައްކާލެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ނުހަނު ބޮޑު ޝަރަފެއް، އަދި އުފަލެއް" ނަޖީބް ވިދާޅުވިއެވެ.
ކަސްޓަމަރުންނާއި ކުރާ މުއާމަލާތް އިތުރަށް ފުރިހަމަކުރުމުގައި، އުރީދޫ މޯލްޑިވްސްއިން މުހިންމު ލަނޑުދަނޑިތަކެއް ހާސިލް ކުރަމުން ދާކަމަށް އުރީދޫއިން މައުލޫމާތުދެއެވެ. އެގޮތުން ބާސެލޯނާގައި އުރީދޫއިން ވަނީ އާޓިފިޝަލް އިންޓެލިޖަންސް އަދި ޑީޕް ލާނިން ބޭނުންކުރާ ޗެޓުބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދޭ "އެވީ" ދައްކުވައިދީފައެވެ.
ތަފާތު ޗެނަލްތަކުގައި މަސައްކަތްކުރާ "އެވީ"ގެ އެހީތެރިކަން، ވޮއިސް ކޯލް އަދި އެސްއެމްއެސް މެދުވެރިކޮށް، އަދި ފޭސްބުކް މެސެންޖާ، ޓްވިޓާ، ވައިބާ، ޓެލެގްރާމް، ވަޓްސްއަޕް ފަދަ އެޕްލިކޭޝަންތަކުން ވެސް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި ކޯލް ސެންޓަރުތަކުގެ ހިދުމަތުގް ފެންވަރު ރަނގަޅުކޮށް އަވަސްކުރުމަށްވެސް އާޓިފިޝަލް އިންޓަލިޖެންސް އަދި މެޝިން ލާނިންގެ ބޭނުން ހިފުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ވެސް އުރީދޫއިން މައުލޫމާތުދެއެވެ.
އުރީދޫއިން ވަނީ ފާއިތުވި އަހަރުވެސް، ބާސެލޯނާގައި ކުރިއަށްދިޔަ މޮބައިލް ވޯލްޑު ކޮންގްރެސްގައި ބައިވެރިވެ މަގޭ ޕްލޭން އަދި، އުރީދޫ ނެކްސްޓް ޕްލެޓްފޯމް ފަދަ ޑިޖިޓަލް ކަސްޓަމާ އެކްސްޕީރިއަންސް ސޮލިއުޝަން ދައްކާލާފައެވެ.