އައްޑޫސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ބޭނުންވާ ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސައިހޮޓާތަކާއި ރެސްޓޯރަންޓާއި ކެފޭ އަދި އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން އެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އިކޮނޮމިކްސް މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް ހުއްދައަށް އެދި ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.
ސިޓީ ކައުންސިލުން ބުނާ ގޮތުގައި 24 ގަޑީއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް ހުށަހަޅާ ތަނަކީ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަށް ވާންޖެހޭނެއެވެ. އަދި އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭ ގޮތަށް ހުންނަ ތަނަކަށް ވުމާއި އެކު އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގާ ތަނަކަށް ވާން ޖެހޭނެކަމަށެވެ.
24 ގަޑިއިރު ހިންގަން ހުއްދަ ދޭ ބައެއް ޝަރުތުތައް
- އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުން
- 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުން
- ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވުން
- ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން
އެކަމަކު ރާއްޖޭގައި ހިންގާ ބޭރުގެ އެއްވެސް ފްރެންޗައިޒްއަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދެ އެވެ.
ދަންވަރު ވިޔަފާރި ހިންގުމުގެ ހުއްދަ ދެނީ 2،000ރ. ގެ ފީއަކަށެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފްވާ ނަމަ، ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ހިދުމަތް ދިނުމަށް އެދި ހުށަހެޅުމުން، ހުއްދަ ދޫކުރެވޭ ތަނަކީ އިކޮނޮމިކްސް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްތޯ ކަނޑައަޅާނީ ސިޓީ ކައުންސިލުން ކަމަށާއި ހުއްދަ ލިބުނުކަން ކައުންސިލުން މިނިސްޓްރީއަށް އެންގުމުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތުން 2000 ރުފިޔާގެ ފީއެއް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ހުއްދަ ދެވޭ މުއްދަތަކީ ހުއްދަ ދޫކުރާ ތާރީހުން ފެށިގެން ދެއަހަރު ދުވަސް ކަމަށާއި ހުއްދަ ލިބޭ ތަންތަނުގައި އެކަން އަންގައި 24 ގަޑިއިރު ހުޅުވާފައި ހުންނަ ތަނެއްކަން އަންގައިދޭ ބޯޑެއް ވިޔަފާރިކުރާ އިމާރާތުގެ ބޭރަށް ފެންނާނެހެން ބަހައްޓަން ޖެހޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.