ބާސެލޯނާއި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި އުރީދޫން ރާއްޖޭގެ އޮންލައިން ވިޔަފާރިތަކަށް ހާއްސަ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް ކަމަށްވާ މޫލީ ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް މޯލްޑިވްސް އަށް ދެމުންދާ އެއްބާރުލުމުގެ ދަށުން، ދިވެހިންގެ ޑިޖިޓަލް ހަޔާތަށް ފަސޭހަކަމާއި ފައިދާ ލިއްބައިދޭ ގިނަ ހިދުމަތްތަކެއް ވަނީ ތައާރަފްކޮށްފައެވެ. މިގޮތުން، ސްޕެއިންގައި މިވަގުތު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) ބާސެލޯނާ 2019 ގައި އެކުންފުނިން ވަނީ ރާއްޖޭގައި ދެން ފެނިގެންދާނެ އުރީދޫގެ އާ ޑިޖިޓަލް ހިދުމަތް ކަމަށްވާ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" ދައްކާލާފައެވެ.

މޫލީ އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ، ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަދޭ ޕްލެޓްފޯމެކެވެ. މީގެތެރޭގައި، ޕްރޮޑަކްޓުތައް އޯޑަރުކުރުން، އޮންލައިންކޮށް ފައިސާދެއްކުން، އަދި ބައްލަވައިގަތް މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވައިދިނުން ހިމެނެއެވެ. މޫލީ މެދުވެރިކޮށް ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދެވިގެންދާނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓުތަކާއި، ރާއްޖޭގެ ތަފާތު ޔޫޓިލިޓީ ޚިދުމަތްތަކެވެ.

އަދި ކުރިއަށް އޮތްތަނުގައި މި ޕެލްޓްފޯމް ވެގެންދާނީ ތަރުކާރީއާއި ގޭތެރޭގެ ސާމާނުން ފެށިގެން، އިލެކްޓްރޯނިކްސް، ކާބޯތަކެތި، އަދި ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ފަދަ ތަފާތު ވިޔަފާރިތައް ތަމްސީލުކުރެވޭ އީ-ކޮމާސް މާކެޓްޕްލޭސް އަކަށް ކަމަށް އުރީދޫން ބުނެއެވެ. އަދި އީ-ކޮމާސް އަށް ހާއްސަ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ގަނެވިއްކުމުގެ ތަޖުރިބާ އިތުރަށް ފަސޭހަ ކުރެވެމުންދާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

މިގޮތުން، ކަސްޓަމަރުން ކުރާ ތަފާތު މުއާމަލާތްތަކަށް ބިނާކޮށް ދެވޭ ހާއްސަ ލަފާތަކާއި، ޕްރޮޑެކްޓިވް އެނަލިޓިކްސް ބޭނުންކޮށްގެން ފޯރުކޮށްދޭ އެހީތެރިކަން، އެއްވެސް މެދުކެނޑުމަކާއި ނުލާ 24 ގަޑިއިރު ލިބިގެންދާނެކަމަށް ވެސް އުރީދޫން ބުނެއެވެ.

މޫލީ އާއިއެކު، އުރީދޫއިން ކަސްޓަމަރުންނާއި ކުރިޔަށް ވުރެ ގާތްކޮށް، އެންމެ ގުޅޭގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، ޕްރެސްޓޯ އާއިއެކު އުރީދޫ މޯލްޑިވްސްއިން ތައާރަފްކުރާ ޕްލެޓްފޯމް މެދުވެރިކޮށް، އެކި ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކާއި ގުޅޭގޮތަށް، މުދާ ބައްލަވައިގަތުމުގައި ވަރަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަދި ބޭނުންކުރާ މިންވަރާއި، ގޮތްތަކާއި، ކަމުދާ ކަންކަމަށް ބެލުމަށްފަހު އެކަސްޓަމަރަކާއި އެންމެ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ވިޔަފާރި ތަޖުރިބާ ލޭންޑިން ސްކްރީނުން ފެށިގެން ދާއިރު، ނިންމާލެވޭނީ ލޯޔަލްޓީ ޕޮއިންޓްސް ތަކެއް ހަދިޔާ ކުރެވިގެން ކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން މޫލީ ބޭނުންކުރާ ފަރާތްތަކުގެ މުއާމަލާތްތަކުން ދަސްކޮށް، އެންމެ ގުޅޭ ކޮންޓެންޓް ހޯދުމަށް އެހީތެރިވެ، އޮންލައިން ވިޔަފާރީގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމަށް ވެސް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އީ-ކޮމާރސް ޕްލެޓްފޯމް ކަސްޓަމަރުންނަށް ހުޅުވާލެވިގެންދާނީ އަންނަ މަހުގައި ކަމަށެވެ. އަދި މޮބައިލް ކޮންގްރެސްއަށް ބާސެލޯނާ އަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް، 25 ފެބްރުއަރީ އިން ފެށިގެން މިއަދުގެ ނިޔަލަށް މި ހިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދެމުންދާކަމަށް އުރީދޫން ބުނެއެވެ.