ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2019 ގައި، ދުނިޔޭގެ މަގްބޫލު ޑިޖިޓަލް ދެކުންފުނި ކަމަށްވާ އުރީދޫ އާއި އެރިކްސަނުން އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްވިޑްންގެ ނެޓްވޯކް އަދި މުއާސަލާތީ ކުންފުނިތަކުގެ ތެރެއިން މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އެރިކްސަންސް އާއި އުރީދޫން ޕާޓްނާޝިޕް ހަދާފައި ވަނީ ގަތަރުގައި 5ޖީ ސުޕާނެޓްގެ ހިދުމަތް އެގައުމުގެ ޑިޖިޓަލް ދިރިއުޅުމަށް ލޯބިކުރާ މީހުންނަށް ފުރިހަމަކަމާއެކު ފޯރުކޮށްދިނުމަށެވެ.

އުރީދޫއާ އެރިކްސަން ޕާތްނާޝިޕްގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫން ގަތަރުގައި 5ޖީގެ ހިދުމަތް ދިނުމަށް 1200 ސްޓޭޝަނެއް ތައްޔާރުކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ ސްޓޭޝަންތައް ނިމުމުން ގަތަރުގައި ދިރިއުޅޭ މީހުންނަށް އެ ހިދުމަތް ލިބިގެން ދާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

ގަތަރުގައި އުރީދޫގެ 100 އަށް ވުރެ ގިނަ ލައިވް 5ޖީ ސައިޓު ހުންނަ އިރު، އުރީދޫން ވަނީ އިންޑޮނީޝިއާ އާއި ރާއްޖެ އަދި ކުވެއިތުގައި 5ޖީ ޓެކްނޮލޮޖީ ޓެސްޓުކޮށްފައެވެ. މީގެ އިތުރުން މިޔަންމާގައި ވެސް 5ޖީގެ ޓެކްނޮލޮޖީ ސެންޓަރެއް އުރީދޫން ގާއިމުކޮށްފައިވެއެވެ.

އުރީދޫ ގްރޫޕުގެ ސީއީއޯ ޝައިހް ސައުދު ބިން ނާސިރު އަލްސާނީ ވިދާޅުވީ އުރީދޫން މުޅި ދުނިޔޭގައި 5ޖީ ޓެކްނޮލޮޖީން ކުރި ހޯދާފައި ކަމަށެވެ. އަދި މޯބައިލް ވޯލްޑް ކޮންގްރެސްގައި އުރީދޫގެ 5ޖީ ޑެމޮންސްޓޭޝަންތަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 25 އިން 28 އަށް ބާސެލޯނާގައި ކުރިއަށްގެންދާ މޯބައިލް ވޯލްޑް ކޮންގްރެސްގައި ދުނިޔޭގެ 200 ގައުމަކުން 107،000 ކަމުގެ ތަޖްރިބާކާރުން ބައިވެރިވެއެވެ.