ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަތައް ސަރުކާރާ ހިއްސާކުރުމަށް ބާއްވާ ހާއްސަ ފޯރަމް "ބިޒްނަސް ކޮންވެންޝަން 2019" މިއަދު ފަށައިފިއެވެ.

މި ކޮންވެންޝަނަކީ ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ރާއްޖޭގައި ފުޅާކުރެވޭނެ ވިޔަފާރިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންވެންޝަނެކެވެ. މި ކޮންވެންޝަން ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.

މި ކޮންވެންޝަން ފަށްޓަވައި ދެއްވަމުން އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، މި މާހައުލުގައި ތިބެ، ވިޔަފާރިވެރިންނަށް ހިޔާލު ފާޅުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުމެއް، ދަތިކަމެއްގެ ވާހަކަ ދައްކައިގެން އިތުރު އުނދަގުލެއް ކުރިމަތި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. މި ކޮންވެންޝަން ކާމިޔާބު ކުރެވޭނީ ހުރިހާ ބޭފުޅުންގެ އަސްލު ހަގީގީ ހިޔާލުތަކާއި ކަންބޮޑުވުންތައް ސަރުކާރާ ހިސާބަށް ގެނެވިގެން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ހީފުޅު ކުރެއްވި ރިވަރަށްވުރެ މަދުން ވިޔަފާރިވެރިން ބައިވެރިވި ނަމަވެސް އުންމީދުކުރައްވަނީ މި ކޮންވެންޝަނުން ނިންމާ ނިންމުންތަކުން ވިޔަފާރިތަކަށް ރަނގަޅު ބަދަލުތަކެއް އައުން ކަމަށެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންވެންޝަނުގައި ވިޔަފާރިވެރިންނަށް ނެޓްވޯކިން ސެޝަންތަކާއި ޕްރެޒެންޓޭޝަންތަކާއި ގްރޫޕް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ މައުލޫމާތު ދިނުމާއި ވިޔަފާރި އާއި ޓެކްނޮލޮޖީ އާއި އައިސީޓީ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތަކާއި ކާނާގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކަށް ހުރި މައްސަލަތަކާ ގުޅޭ ގޮތުން ހާއްސަ ޕްރެޒެންޓޭޝަންތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންވެންޝަންގައި ބައިވެރިވެފައިވާ މަޝްހޫރު ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ދިރާގު، އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރަންސް، މޯލްޑިވިއަން، ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް ހިމެނެއެވެ.