ދުނިޔޭގެ މޮބައިލް ފޯން މާކެޓުގައި ދެވަނައިގައި ވިދަމުން އަންނަ ވާވޭއިން އެންމެ ފަހުން ނެރުނު ނޯވާ 4 މެކްސްކޮމް ޓެކްނޮލޮޖީސްއިން ރާއްޖެެއަށް ތައާރަފްކޮށްފިއެވެ.

ވާވޭގެ މި ސަރަހައްދުގެ ސޯލް ޑިސްޓްރިބިއުޓާ މެކްސްކޮމް އިން ނޯވާ 4 ބާޒާރަށް ނެރުނީ ވެސްޓޯ މޯބައިލްއާއި ގުޅިގެންނެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ފޯން ލޯންޗްކޮށްދެއްވީ ވެސްޓޯ ވެރިޔާ އަހުމަދު ސައީދު އާއި މެކްސްކޮމްގެ ވެރިޔާ މުހައްމަދު ފަޒީލެވެ.

ބޮޑުބެރުގެ ފޯރިގަދަ ހަރަކާތާއެކު ނެރުނު މި ފޯނު މިހާރު ވެސްޓޯގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް މެކްސްކޮމް އިން ބުނެއެވެ. މި ފޯނު މެކްސްކޮމް އިން ވިއްކަނީ 7990 ރުފިޔާއަށް އެއް އަހަރު ދުވަހުގެ ވޮރެންޓީއާއެކުއެވެ.

މި ފޯނުގެ ހާއްސަ ސިފަތަކަށް ބަލާއިރު، މި ފޯނަކީ ރާއްޖެއަށް ތައާރަފްކުރެވުނު ސްމާޓް ފޯނުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖޭގެ ބާޒާރަށް ނެރެވުނު ޕަންޗް ހޯލް ކެމެރާ ހިމެނޭ ފޯނެވެ. އިންފިނިޓީ ޑިސްޕްލޭއެއް ހިމެނޭއިރު، ފްރަންޓް ކެމެރާގައި އެކަނިވެސް 25 މެގަ ޕިކްސެލް ހިމެނެއެވެ. ފޯނުގެ ފަހަތުގައި ތިން ކެމެރާ ހުރެއެވެ. މީގެ ތެރެއިން 48 މެގަޕިކްސެލްގެ ކެމެރާއަކާއި، 16 މެގްޕިކްސެލް ކެމެރާއެއް އަދި 2 މެގަ ޕިކްސެލް ކެމެރާއެއް ހިމެނެއެވެ.

މީގެ އިތުރުން މި ފޯނުގެ ބެޓެރި ވަރުގަދަވާނެކަމަށް މެކްސްކޮމް އިން ބުނެއެވެ. ފާސްޓް ޗާޖިން ފީޗާ މި ފޯނުގައި ހިމެނޭއިރު، މި ފޯނުގައި ހަރުކޮށްފައިވަނީ 3750 އެމްއޭއެޗްގެ ބެޓެރިއެކެވެ. އަދި 8 ޖީބީ ރެމަކާއި 128 ޖީބީގެ މެމޮރީއެއް ހިމެނެއެވެ. މެކްސްކޮމް އިން ބުނީ ނޯވާ 4 ގެ ނޯވާގެ އެރޯރާ ބުލޫގެ އިތުރުން ކަޅު ކުލަ ވެސްޓޯއާއި މެކްސްކޮމްގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.