މޯބައިލް ފޯނާއި އެނޫންވެސް އެފަދަ ސްކްރީންތަކުގެ އަވާގައި ޖެހިފައިވާ އަދުގެ ޒުވާންޖީލު ހެލިފެލިކުރުވުމަށްޓަކައި، ސްޓާވޯޒްގައި ގެންގުޅޭ ލައިޓްސޭބާ ބޭނުންކޮށްގެން ކުރިއަށްގެންދާ ޑުއެލް މެޗުތަކަކީ ވާދަވެރި ރަސްމީ މުބާރާތެއްގެ ގޮތުގައި ބަލައިގަތުމަށް ފަރަންސޭސިވިލާތުގެ ފެންސިންގް ފެޑަރޭޝަނުން ނިންމައިފިއެވެ.

ލައިޓްސޭބާ ޑުއެލިންގްއަކީ ފަރަންސޭސިވިލާތުގައި ރަސްމީ ކުޅިވަރެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، މި ކުޅިވަރަށް ހާއްސަ ގަވައިދުތަކެއްވެސް މިހާރުވަނީ އެކުލަވާލާފައެވެ. އެގޮތުން މި މުބާރާތްތައް ފަރުމާކުރަނީ ސްޓާޒްވޯޒް ފްރެންޗައިޒްގެ ފިލްމުތަކުގައި ކުރާ ހަނގުރާމަތަކާއި ދާދި އެއްގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ.

ފަރަންސޭސިވިލާތުގެ ފެންސިންގް ފެޑެރޭޝަނުން ބުނީ އަދުގެ ޒުވާނުންގެ ދިރިއުޅުން ހުރި ގޮތުން ސިއްހީ ބޮޑު ބަލިމަޑުކަމެއް ޖެހިފައިވާކަމަށާއި، އަދުގެ ޒުވާނުން ކުރާ ހަމައެކަނި ކަސްރަތަކީ އަތުގެ ބޮޑުވައިއިނގިލިން ކުރާ ކަސްރަތެއްކަމަށެވެ. އެގޮތުން ޒުވާނުން ކުޅެން ބޭނުންވާ ހަމައެކަނި ކުޅިވަރަކީ ތަނެއްގައި އިށީނދެ އިނދެގެން ނޫނީ އޮށޯވެ އޮވެގެން، ހަމައެކަނި އަތުގެ އިނގިލިތައް ބޭނުންކޮށްގެން ކުޅެވޭ ވަރުގެ ކުޅިވަރުތައް ކަންވެސް އެ ފެޑެރޭޝަން ވަނީ ފާހަގަކޮށްފައެވެ.

ލައިޓްސޭބާ ޑުއެލިންގް ފަރުމާކޮށްފައިވަނީ ޒަމާނީ ޓެކްލޮނޮޖީއާއި ކުޅިވަރުގެ ހެލިފެލިވުން ގުޅުވައިގެންނެވެ.

ސްޓާވޯޒްގެ ފޭނުން ބުނާ ގޮތުގައި އެމީހުން އެންމެ ލޯބިކުރާ އެއް ކަމަކަށް މި ދުނިޔެއިން ރަސްމީ ސެޓިފިކޭޝަން ލިބުމަކީ އެމީހުން އުފާކުރާކަމެކެވެ.