އިންޑިއާގެ ފިލްމީ ސިނާއަތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓަރުންނާއި ލަވަކިއުންތެރިންނާއި ދެކޮޅަށް އޯލް އިންޑިއަން ސިނޭ ވާކާޒް އެސޯސިއޭޝަން (އައިކްވާ)އިން ގަރާރެއް ނެރެފިއެވެ.

މި ގަރާރަކީ، އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމުގައި އޮންނަ ކަޝްމީރުގެ އިންޑިއާއާއިވީ ފަޅީގައި އޮންނަ ޕުލްވާމާއަށް އަމާޒުކޮށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި އިންޑިއާގެ ޕެރަމިލިޓްރީ ފުލުހުންގެ 40އަށްވުރެ ގިނަ ފުލުހުންގެ ފުރާނަ ގެއްލުނު ހާދިސާއާއި ގުޅިގެން އެ އަމަލުކުށްވެރިކޮށް، އޯލް އިންޑިއަން ސިނޭ ވާކާޒް އެސޯސިއޭޝަނުން ނެރުނު ގަރާރެކެވެ.

މި ގަރާރުގައި ބުނެފައިވަނީ އެއްވެސް ކުންފުންޏަކުން ޕާކިސްތާނުގެ އެކްޓަރުންނާއި ލަވަކިއުންތެރިން ލައްވާ މަސައްކަތްކުރުވާނަމަ އެ ކުންފުންޏަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުރަތަމަ އިސްވާނީ ގައުމުކަމަށާއި، އެ ޖަމިއްޔާއިން އޮތީ ގައުމުގެ ދިފާއުގައި ކަމަށްވެސް އޯލް އިންޑިއަން ސިނޭ ވާކާޒް އެސޯސިއޭޝަންގެ ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

އަޖޭ ދޭވްގަންވެސް ވަނީ، ކުރިއަށް އޮތް އޭނާގެ ފިލްމް "ޓޯޓަލް ދަމާލް"، ޕާކިސްތާނުގައި ނާޅުވާނެ ކަމަށް ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަމަލާއާއި ގުޅިގެން އެކަމާއި ހިތާމަކޮށް، އެފަދަ އަމަލުތަކަށް ނަފުރަތުކުރާކަން ހާމަކޮށްފައިވާ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ، ޝާހިދު ކަޕޫރު، އެސް.އާރް.ކޭ، ވަރުން ދާވަން، އާމިރު ހާން، އާލިއާ ބަޓް އަދި ރިޝީ ކަޕޫރު ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ ފިލްމީ ސިނާއަތުގައި އެ ބައެއްގެ މަސައްކަތްތައް ހިމެނޭ ޕާކިސްތާނުގެ ފަންނުވެރިންގެ ތެރޭގައި ފަވާދު ހާން، އިމްރާން އައްބާސް، ރާހަތު ފަތަހު އަލީ ހާން އަދި އާތިފް އަސްލަމް ފާހަގަކޮށްލެވެއެވެ.