ކުރިއަށް އޮތް އޮސްކާ އެވޯޑް ހަފުލާގައި ދޭ ހުރިހާ އެވޯޑެއްވެސް ލައިވްކޮށް ދުރަށް ދެއްކުމަށް، އެވޯޑް އިންތިޒާމުކުރާ އެކަޑަމީއިން ނިންމައިފިއެވެ.

ޝޯގެ ވަގުތު 3 ގަޑިއިރަށް ކުޑަކުރުމުގެ ނަމުގައި، 4 އެވޯޑެއް ކޮމާޝަލް ބްރޭކް ގަޑީގައި ދިނުމަށް ކުރިން ނިންމާފައި އޮތް އޮތުން ބަދަލު ކުރުމަށް އެކަޑަމީއިން ނިންމާފައި މިވަނީ، ގިނަ ފަންނުވެރިންތަކެއް އެކަމާއި ދެކޮޅަށް ޕެޓިޝަނެއް ހެދުމާއި ގުޅިގެންނެވެ.

އެމެރިކާގައި ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު (ދިވެހިރާއްޖެއަށް ހޯމަދުވަހު) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެވޯޑް ހަފުލާގައި ދޭ ހުރިހާ އެވޯޑެއް ލައިވް ކުރުމަށް ނިންމާފައިވަނީ، ލިބިފައިވާ ހިޔާލުތަކާއި ފާޑުކިއުންތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް އެކަޑަމީއިން ވަނީ ބުނެފައެވެ.

މިފަހަރުގެ އެވޯޑް ހަފުލާ ކުރިއަށްދާނީ ހޮސްޓަކާއިވެސް ނުލައެވެ. މިއީ 30 އަހަރު ދުވަހުގެ ތެރޭގައި މިފަދަ ގޮތަކަށް ޝޯ ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ އެވޯޑް ހަފުލާ ލައިވްސްޓްރީމް ކުރާއިރު، މިއީ އެކަޑަމީ އެވޯޑްސްގެ ދިގު ތާރީހުގައިވެސް މިކަން މިގޮތަށް ކުރާ ފުރަތަމަ ފަހަރެވެ.