ޖަރުމަނުވިލާތުގެ ޚުދުމުޚުތާރު ވެރިޔާ އެޑޯލްފް ހިޓްލަރުގެ ނިމުން އައިގޮތުގެ މައްޗަށް ބިނާކޮށް 2004 ވަނަ އަހަރު އުފެއްދި ފިލްމް "ޑައުންފޯލް"ގައި ހިޓްލަރުގެ ރޯލު އަދާކޮށްދިން ބްރޫނޯ ގާންޒް މަރުވެއްޖެއެވެ.

ސުވިޓްޒަލޭންޑަށް އުފަން އެކްޓާ، ބްރޫނޯ ގާންޒް މަރުވީ ޒިއުރިކްގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ކަމަށް އޭނާގެ މެނޭޖްމަންޓް ޓީމުންވަނީ ހާމަކޮށްފައެވެ.

"ދަ މަންޗޫރިއަން ކެނޑިޑޭޓް" ފަދަ ފިލްމުތަކުންވެސް ފެނިގެންދިޔަ ގާންޒް އަދާކޮށްފައިވާ ރޯލުތަކަށް ބަލާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ "ޑައުންފޯލް"ގައި އޭނާ ކުޅުނު ހިޓްލަރުގެ ރޯލަށެވެ. 2005 ވަނަ އަހަރު ގާންޒް ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައިވާ ގޮތުގައި، ހިޓްލަރުގެ ރޯލު ކުޅުމަށް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތާރީހީ ލިޔެކިއުންތަކެއް ބަލާ، ފިލާވަޅުތަކެއް ދަސްކޮށްފައެވެ.

ޖަރަމަނުބަހުން ވާހަކަދައްކާ އެކްޓަރުންގެ ތެރެއިން އެންމެ ފުންނާބު އުސް ފަންނާނަކަށް ދޭ "އިފްލާންދް-ރިންގް"ވެސް އޮތީ ގާންޒް މަރުވިއިރު އޭނާގެ އަތުގައެވެ. ގާންޒްއަށްފަހު މި އަނގޮޓީގެ ހައްގުވެރިއަކަށް އޭނާ ކަނޑައެޅީ ކާކުކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ޖަރުމަނުބަހުން އުފައްދާ ފިލްމުތަކުގެ އިތުރުން، އިނގިރޭސިބަހުން ތައްޔާރުކޮށްފައިވާ ފިލްމުތަކުންވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ގާންޒް މަރުވިއިރު އުމުރަކީ 77 އަހަރެވެ.

ގާންޒް ކެންސަރަށް ޑައެގްނޯސް ކުރެވުނު ކަމަށްވެސް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ.