މަޝްހޫރު މިއުޒިކް ބޭންޑް "ދަ ބީޓްލްސް"ގެ ފޮޓޯއެއް، 55 އަހަރު ފަހުން ފުރަތަމަ ފަހަރަށް ޕުރިންޓްކޮށްފިއެވެ.

މި ފޮޓޯއަކީ ކަބަޑެއްގެ ތެރޭގައި ހަނދާންނެތިފައި އޮތް 55 އަހަރުވީ ނެގެޓިވްއަކުން ޕުރިންޓުކުރި ފޮޓޯއެކެވެ.

މި ފޮޓޯއިން ފެނިގެންދަނީ އިންގްލަންޑްގެ ރިސޯޓް އަވަށެއް ކަމަށްވާ ގްރޭޓް ޔާމައުތްގައި، ދަ ބީޓްލްސްގެ 4 މެމްބަރުން، 1963 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޝޯއެއް ދޭ މަންޒަރެވެ.

މި ނެގެޓިވްއަކީ ފޮޓޯނެގި މީހާ އެއްލާލަން އުޅުނު ނެގެޓިވްތަކުގެ ތެރެއިން ނެގެޓިވްއެކެވެ. އެހިސާބުން މި ނެގެޓިވް ނަގާ ރައްކާ ކުރީ ފޮޓޯގްރާފަރުގެ އެސިސްޓެންޓެއްގެ ގޮތުގައި އޭރު ހަރަކާތްތެރިވި އުމުރުން 17 އަހަރުގެ ޕީޓާ ހެރިސަންއެވެ. އޭނާ މި ނެގެޓިވް ރައްކާކުރީ، އޭނާ އަމިއްލައަށް ފޮޓޯ ޑިވެލޮޕްކުރުމުގެ ބޭނުމުގައެވެ.

މިހާރު އުމުރުން 75 އަހަރު ފުރިފައިވާ ހެރިސަން ބުނީ ހަނދާން ނެތިފައި އޮތް އެ ފޮޓޯ ފެނުމުން އުފާވެރި އިހުސާސެއް ކުރެވޭ ކަމަށެވެ. ހަނދާން ނެތިފައި އޮތް އެ ނެގެޓިވް ކަބަޑުގެ ވަތްގަނޑުގައި ބޭއްވީ، ކޮންމެވެސް ދުވަހަކުން މީހަކު އެ ފޮޓޯ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފާނެތީ ކަމަށްވެސް ހެރިސަން ބުނެއެވެ.

ފޮރުވި ނެގެޓިވް މަތިން ހަނދާންވީ، ކަޅާއި ހުދުގެ ފޮޓޯއާއި ބެހޭ ހާއްސަ ކޯހެއް ދަރިފުޅު ރިޗަޑް ހެދި ހިސާބުން ކަމަށާއި، އަދި އެ ފޮޓޯ ޑިވަލޮޕް ކުރުމަށް ދަރިފުޅު ގަޔާވާނެތީ ކަމަށެވެ.

މި ފޮޓޯ ނަގާފައިވަނީ ފިޝާޒް ސްޓޫޑިއޯގައި އޭރު މަސައްކަތްކުރި ޕްރެފެޝަނަލް ފޮޓޯގްރާފަރެކެވެ.