އޮސްކާ އެވޯޑް ހަފުލާ އިސްތިހާރަށް ކަނޑާ ވަގުތުތަކުގައިވެސް އެވޯޑް ހަވާލު ކުރުމަށް ނިންމާފައިވާ ނިންމުމާއިމެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ފަންނާނުން އޯޕަން ލެޓާއެއްގައި ސޮއިކޮށްފިއެވެ.

މި ޕެޓިޝަންގައި 40 އަށްވުރެ ގިނަ ޑައިރެކްޓަރުންނާއި ސިނަމަޓޮގްރާފަރުން މިހާރުވެސް ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ސްޕައިކް ލީއާއި މާޓިން ސްކޯޒެއިޒީވެސް ހިމެނެއެވެ.

އޮސްކާ ނުވަތަ އެކަޑަމީ އެވޯޑް ހަފުލާއަށް ގެނެވިފައިވާ ބަދަލުތަކަށް ބަލާއިރު، ބެސްޓް ސިނަމަޓޮގްރަފީ، އެޑިޓިންހް، ހެއާއެންޑް މޭކަޕް، އަދި ލައިވް އެކްޝަން ކެޓަގަރީއިން އެވޯޑް ހާސިލުކުރާ ފަރާތްތަކުން އެވޯޑާއި ހަވާލުވުމަށްފަހު ދައްކާ ވާހަކަތައް އެޑިޓް ކުރުމަށްފަހު ހަފުލާގެ ފަހުގެ ވަގުތެއްގައި ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

އެވޯޑް ހަފުލާގެ ވަގުތަކީ 3 ގަޑިއިރު ކަމުގައި ހެދުމަށްޓަކައި، އިސްތިހާރަށް މެދުކަނޑާލާ ވަގުތުތަކުގައިވެސް 4 އެވޯޑެއް ދިނުމަށް ނިންމާފައިވާކަން ހާމަކޮށް، މެމްބަރުންނަށް އެކަޑަމީއިން އީމެއިލްއެއް ފޮނުވާފައިވަނީ މި ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. ޝޯ ލައިވް ކުރާ ވަގުތު 3 ގަޑިއިރަށް ކުޑަކުރަން ނިންމީ، ޝޯ ބަލާނެ މީހުންގެ އަދަދު އިތުރު ކުރުމުގެ މަގުސަދުގައި ކަމަށްވެއެވެ.

ފަންނުވެރިން ސިފަކުރާ ގޮތުގައި މި ނިންމުމަކީ އެއްވެސް ތާކުން ތާކުނުޖެހޭ "ބޯގޯސް" ނިންމުމެކެވެ.

ކަންމިހެންއޮތްއިރު މިފަހަރުގެ އޮސްކާ އެވޯޑް ހަފުލާ ކުރިއަށްދާނީ ހޮސްޓަކާއިވެސް ނުލައެވެ. އެންމެ ފަހުން ހޮސްޓަކާ ނުލާ އިސްކާ އެވޯޑް ހަފުލާ ކުރިއަށް ގެންގޮސްފައިވަނީ މީގެ 30 އަހަރު ކުރިންނެވެ.

ފަންނުވެރިންގެ ހިތްހަމަނުޖެހުންތަކަށް ޖަވާބުދާރީވަމުން އެކަޑަމީއިން ބުނީ އެވޯޑް ހާސިލުކުރާ އެއްވެސް ފަންނުވެރިއަކީ އެހެން ފަންނުވެރިންނާއި ނިކަމެތިކޮށް ތަފާތު ކުރެވޭނެ ފަންނުވެރިއެއް ނޫންކަނަށް ކަށަވަރުކޮށްދޭނެކަމަށެވެ.