މަޝްހޫރު ރޮކްސްޓާ ރާޔަން އެޑަމްސްއާއި ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިކޮށްފިއެވެ.

ނަހަމަ ގޮތުގައި ޖިންސީ ފައިދާތަކެއް ހޯދަން ޝަރުތުކޮށް، ކެރިއާއަށް ގިނަ ފުރުސަތުތަކެއް ހޯދާދޭނެ ކަމަށް ޝަރުތުކޮށް ރާޔަން އެޑަމްސްގެ ފަރާތުން ނަފުސާނީ ގޮތުންނާއި ބަސްމަގުގެ ގޮތުންވެސް ޖިންސީ ފުރައްސާރައާއި ކުރިމަތިލާންޖެހުނު ކަމަށް ގިނަ އަދަދެއްގެ އަންހެނުން ވަނީ ރިޕޯޓްކޮށްފައެވެ.

ރާޔަން އެޑަމްސްއާއި ދެކޮޅަށް ފެންމަތިކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ކުރީގެ އަންހެން މޭންޑީ މޫއާއަށް ނަފްސާނީ ގޮތުން ކުރިމަތިކުރި ގޯނާތަކެއްގެ ވާހަކަވެސް ނިއު ޔޯކް ޓައިމްސްއިން އާންމުކުރި ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން "މުޑުދާރު" ޓެކްސްޓް މެސެޖުތަކެއް ކުރުމާއި، ފުރާވަރު އުމުރުގެ އަންހެން ކުއްޖަކަށް ރާޔަން އެޑަމްސް އޭނާގެ ލަދުވެތި ގުނަވަންތައް ދެއްކި ކަމަށް ބުނާ ރިޕޯޓްތަކެއްވެސް ވަނީ ކޮށްފައެވެ.

2000ގެ އަހަރުތަކުގެ ކުރީކޮޅު މަގުބޫލުވެގެން އައި ރާޔަން އެޑަމްސް ވަނީ މި ތުހުމަތުތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ބަޔާނެއްވެސް އާންމުކޮށްފައެވެ. ރާޔަން އެޑަމްސް ބުނާގޮތުގައި އޭނާއަކީ ހުރިހާ ގޮތަކުން ފުރިހަމަ މީހެއް ނޫނެވެ. އަދި އޭނާއަށް ގޯސްތަކެއް ހެދިފައިވީނަމަވެސް، އޭނާއަށް އަމާޒުކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރާކަމަށްވެސް މި ބަޔާނުގައި ރާޔަން އެޑަމްސް ވަނީ ފާހަގަކޮށްފައެވެ.