މިފަހަކަށް އައިސް ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މިއުޒިކް އެޕްލިކޭޝަނެއް ކަމަށްވާ "ޓިކްޓޮކް"އާއި މެދު މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށް، ކަމާއި ބެހޭ ތަޖުރިބާކާރުން އިންޒާރުގެ މެސެޖަކުން ގޮވާލައިފިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ޑައުންލޯޑްކުރަމުންދާ އެޕްލިކޭޝަންތަކަށް ބަލާއިރު މިވަގުތު އެންމެ ކުރިން ޖާގަ ހޯދާފައިވާ ޓިކްޓޮކް އެޕްލިކޭޝަނަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ފަތުއަޑުކިއާ، ވައިގައި ހިފާފައިވާ އެޕްލިކޭޝަނަކަށްވާއިރު، މި އެޕްލިކޭޝަނަކީ ޖިންސީ ފުރައްސާރައާއި އަނިޔާ ކުރާ ފަރާތްތަކަށް ފަހިކޮށްދެވޭ މަގެއް ކަމާއި މެދުވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ފަސޭހަކަމާއެކު އަމިއްލަ ވީޑިއޯ ތައްޔާރުކޮށް އެޑިޓް ކުރެވޭ މި އެޕްލިކޭޝަން ގަވައިދުން ބޭނުންކުރާ 500 މިލިއަން މީހުން އުޅޭއިރު، މިއީ ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ އެއް އެޕްލިކޭޝަނަށްވެސް މިހާރު ވަނީ ވެފައެވެ. ނަމަވެސް ކަންބޮޑުވާން ޖެހޭ ކަމަކީ، ޓިކްޓޮކް ކޮމިއުނީޓީގައި އެންމެ ގިނައީ އުމުރުން އެންމެ 13 އަހަރާއި 24 އަހަރާ ދެމެދުގެ ކުދިންނާއި ޒުވާނުންނަށް ވާ ކަމެވެ.

ޓިކްޓޮކް ވީޑިއޯތަކަށް ކޮމެންޓް ކުރެވެން ހުންނައިރު، ޖިންސީ ފުރައްސާރައާއި އަނިޔާކުރުމުގެ ނުބައި ފާހިޝް ވިސްނުން ހުންނަ މީހުންވެސް ނުސީދާކޮށް ލީކުވާ ވީޑިއޯތަކަށް ކޮމެންޓްކޮށް، އެފަދަ ކަންކަމަށް ހިތްވަރު ލިބޭ އަމަލުތައް ހިންގުމަށް ކުޑަކުދިންނާއި ޒުވާނުންނަށް ބާރު އަޅާ، ހިތްވަރު ދޭ ކަމަށް ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ރަހުމަތްތެރިންގެ މެދުގައި މަޖަލަކަށްވެގެން ކުރި ކަމުގައި ވީނަމަވެސް، ފުންކޮށް ވިސްނާލައިފިނަމަ އިސްލާމް ދީނުގެ އުސޫލުތަކާއި އިންސާނީ އަހުލާގައި ފުށޫ އަރާ ކިތަންމެ މަންޒަރެއް ޓިކްޓޮކް އެޕްލިކޭޝަން މެދުވެރިކޮށް، ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކަށް ވެސް ދަނީ ވައިރަލްވަމުންނެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން ޓިކްޓޮކް އެޕްލިކޭޝަނާ މެދު ސަމާލުވުމަށް ގޮވާލާފައިވާއިރު، އިންޑޮނޭޝިއާ އާއި ޕާކިސްތާނު ފަދަ މުސްލިމު ގައުމުތަކުން ވަނީ، އެ ގައުމުތަކުގައި މި އެޕްލިކޭޝަން ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކުން ވެސް ދަނީ، ޓިކްޓޮކް އެޕްލިކޭޝަން މަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ކަންމިހެންއިރު، ރާއްޖޭގައި ވެސް މިކަން ކުރާކަށް ނުވޭހެއްޔެވެ!