ލަންޑަންއިން ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދިޔަ ބޮލީވުޑްގެ އެކްޓަރު އިރުފާން ހާން އަނބުރާ އިނޑިއާއަށް ހިނގައްޖެއެވެ.
ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކެންސަރެއް ކަމަށްވާ ނިއުރޯއެންޑޯކްރީން ޓިއުމަރަކަށް ޕޮޒިޓިވްވެފައިވާކަން ޓުވިޓާ މެދުވެރިކޮށް ހާމަކުރި އިރުފާން ހާން، ފަރުވާ ހޯދުމަށް ލަންޑަންއަށް ބަދަލުވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.
މީޑިއާގައި ދައުރުވަމުންދާ ރިޕޯޓްތަކަށް ބަލާއިރު، އުމުރުން 51 އަހަރުގެ އިރުފާން ހާން އެނބުރި އިންޑިއާއަށް ގޮސް، "ހިންދީ މީޑިއަމް"ގެ ސީކުއަލްގެ ޝޫޓިންގް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ އިތުރު ފަރުވާ ދެން ހޯދަމުންދާނީ އިންޑިއާގެ ފިލްމް ސިޓީ ކަމަށްވާ މުމްބާއީގެ ހޮސްޕިޓަލަކުން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ރިޕޯޓްތައް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.
އިރުފާން ޚާންގެ 2017 ވަނަ އަހަރުގެ ފިލްމް "ހިންދީ މީޑިއަމް"ގެ ޕްރޮޑިއުސާ ދިނޭޝް ވިޖަން ބުނީ، ކުރިއަށް އޮތް ދެހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިކަމާއި ބެހޭ އިތުރު ތަފްސީލު ހާމަ ކުރާނެ ކަމަށެވެ.