މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ކައިވެނީގެ ގޮށް ޖަހާލި ކުޅަދާނަ ތަރި ޕްރިޔަންކާ ޗޯޕްޅާއާއި މަޝްހޫރު ލަވަކިއުންތެރިޔާ ނިކް ޖޯނަސްގެ ދެމަފިރިން ދަރިއަކު ހޯދުމާއި މެދު ދެކޭގޮތް، މީޑިއާގައި ހާމަކޮށްފިއެވެ.

ދާދިފަހުން ކުރިއަށްދިޔަ އިވެންޓެއްގައި ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ ކައިވެންޏަށް ދަރިން ލިބުމަކީ ކޮންމެވެސް ދުވަހަކުން ވާންޖެހޭނެ ކަމެއްކަމަށް ގަބޫލުކުރާ ކަމަށާއި، ނަމަވެސް މިވަގުތު އެކަމާއި މާ ބޮޑަށް ނުވިސްނާ ކަމަށެވެ. ދެމީހުންނަކީވެސް މަސައްކަތް ދެކެ އިންތިހާއަށް ލޯބިވާ ދެމީހުން ކަމަށާއި، ދެމީހުންވެސް އުޅެނީ "މަސައްކަތާއި އިނދެގެންނޭ"ވެސް ބުނެވިދާނެ ކަމަށް ޕްރިޔަންކާ ވަނީ ސިފަކޮށްފައެވެ.

ނިކް އާއި ދެމަފިރިންވެސް ދަރިން ބޭނުންވާ ކަމަށާއި، އެކަމެއްވާން ހުރި އިރަކުން އެކަންވެސް ވާނެ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ނިކްއާއި ޕްރިޔަންކާގެ ހަޔާތުގެ "ލޯބި" މަންޒަރުތަކެއް ދާދިފަހުން ސޯޝަލް މީޑިއާގައިވެސް ވަނީ ވައިރަލްވެފައެވެ.

ޕްރިޔަންކާގެ މަސައްކަތަށް ބަލާއިރު، އެންމެ އަވަހަށް ފެނިގެންދާނީ ޢާއިޝާ ޗޯދްރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "ދަ ސްކައި އިޒް ޕިންކް"އިންނެވެ.