2016 ވަނަ އަހަރު ގައުމީ އެވޯޑް ހޯދި ފިލްމް "ޕިންކް"ގެ ޓެމިލް ރީމޭކްގެ ހާއްސަ ރޯލެއްގައި، މިދިޔަ އަހަރު މި ދުނިޔެއާއި ކުއްލި ގޮތަކަށް ވަކިވި ބޮލީވުޑްގެ ތަރި ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު ހަރަކާތްތެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސުޕާސްޓާ އަޖީތު ކުމާރާއެކު އާއިލީ ފިލްމް ޕްރޮޑަކްޝަންގެ ދަށުން މަސައްކަތެއް ކުރުމަކީ ސްރީދޭވީގެ ހުވަފެނަކަށްވީއިރު، މި ހުވަފެން ހަގީގަތަކަށް ހަދާދިނުމުގެ މަސައްކަތް ކުރަމުންދަނީ ސްރީދޭވީގެ ހުވަފަތްވެފައިވާ ފިރިމީހާ ބޯނީ ކަޕޫރެވެ.

"ޕިންކް"ގެ ޓެމިލް ރީމޭކްއަށް އަދި ރަސްމީކޮށް ނަމެއް ދީފައިނުވާއިރު، މި އަސްލު ފިލްމުގައި އަމީތާބު ބައްޗަން އަދާކޮށްދިން ރޯލުން ފެނިގެންދާނީ އަޖީތު ކުމާރެވެ. ތާޕްސީ ޕައްނޫ އަދާކޮށްދިން ރޯލުން ފެނިގެންދާނީ ޝްރާއްދާ ސްރިނާތުއެވެ.

ބޯނީ ކަޕޫރު ޕްރޮޑިއުސްކުރާ މިފިލްމަށް ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާއިރު، ފިލްމުގައި ޖާންވީގެ ރޯލެއް ހިމެނުމަށްޓަކައި ސްކްރިޕްޓަށްވެސް ދަނީ ބަދަލުތަކެއް ގެނެވެމުންނެވެ.

ފިލްމުގެ ޝޫޓިންގް މިއަހަރުގެ މާޗް މަހު ފަށާއިރު، ހަމަ މިއަހަރުގެ ތެރޭގައި މި ފިލްމް ސްކްރީންތަކާ ހަމައަށް އަންނާނެ ކަމަށް ބެލެވެއެވެ.