ބަފްޓާ އެވޯޑްސް ނޮމިނޭޝަން ލިސްޓުން، ފިލްމް "ބޮހީމިއަން ރެޕްސަޑީ"ގެ ޑައިރެކްޓާ ބްރާޔަން ސިންގާގެ ނަން އުނިކޮށްފިއެވެ.

އޭނާގެ ނަން ނޮމިނޭޝަން ލިސްޓުން އުނިކުރުމަށް ނިންމީ، ކުޑަ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތުތަކަކާއި ގުޅިގެން ކަމަށް ބަފްޓާއިން ބުނެއެވެ.

ކަންމިހެން އޮތް ނަމަވެސް، މަޝްހޫރު ލަވަކިއުންތެރިޔާ ފްރެޑީ މާކިއުރީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "ބޮހީމިއަން ރެޕްސަޑީ"އަށް ފިލްމެއްގެ ގޮތުގައި ނޮމިނޭޓްވެފައިވާ އެއްވެސް އެހެން ދާއިރަކުން އުނިކޮށްފައި ނުވާނެ ކަމަށްވެސް ބަފްޓާއިން ބުނެއެވެ.

ބޮހީމިއަން ރެޕްސަޑީ"ގެ ޑައިރެކްޓާ ބްރާޔަން ސިންގާއާއި ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ފެންމަތިކޮށްފައި ވަނީ، މީގެ ކުރިން ފާޅުގައި ވާހަކަ ދައްކާފައި ނުވާ ހަތަރު ފިރިހެނަކާއި ހަވާލާދީ، ދި އެޓްލާންޓިކްގައި އާންމުކުރި އާޓިކަލްއެއްގައެވެ.

އުމުރުން 53 އަހަރުގެ ސިންގާ ދަނީ މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

2019 ވަނަ އަހަރުގެ ބަފްޓާ ފިލްމް އެވޯޑްސް ހަފުލާ އޮންނާނީ ފެބުރުވަރީ 10 ވާ އާދީއްތަ ދުވަހުގެ ރޭ، ލަންޑަންގެ ރޯޔަލް އެލްބާޓް ހޯލްގައެވެ.