އަސްކަރީ ބާރުގެ ބޭނުންކޮށްގެން މުޅި އަފްޣާނިސްތާނުގެ ކޮންޓްރޯލް އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށް ތޯލިބާނު ހަނގުރާމަވެރިން ފަހަރެއްގައި ވެސް ބޭނުން ނުވާ ކަމަށް، އެމެރިކާއާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި ތޯލިބާން ތަމްސީލުކުރާ ޝޭރު މުޙައްމަދު އައްބާސް ސްޓާނިކްޒާއީ ބުނެފިއެވެ.

ސްޓާނިކްޒާއީ ބުނާ ގޮތުގައި، މިކަމަކީ އެކަމެއްގެ ސަބަބުން އަފްޣާނިސްތާނަށް ސުލްހަ ގެނެސްދޭނެ ކަމެއް ނޫނެވެ.

ކަންމިހެން އޮތް ނަމަވެސް، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތަކުން އެ ގައުމުން ފޭބުމުން ނޫނީ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އެޖަމާއަތުން އެއްބަސްނުވާނެ ކަމަށްވެސް ތޯލިބާނުންގެ ލީޑަރު ވަނީ ބުނެފައެވެ.

އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަފްޣާނިސްތާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންގެ ފުރާނަ އެންމެ ގިނައިން ގެއްލިފައިވަނީ ތޯލިބާނުންގެ ހަމަލާތަކުގައެވެ.

ގަތަރުގައި ހުންނަ ތޯލިބާނުންގެ ސިޔާސީ އޮފީހުގެ އިސްވެރިޔާގެ މަގާމުގައި ވެސް ދުވަސްތަކެއް ހޭދަކުރުމަށްފަހު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ސްޓާނިކްޒާއީ، ބައިނަލްއަގުވާމީ މީޑިއާއާއި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން އިތުރަށް ބުނީ، 1990ގެ އަހަރުތަކުގައި އެ ޖަމާއަތަށް ކުރެވުނު ތަޖުރިބާކަތަށް ބަލާއި، މަޝްވަރާގެއް މޭޒެއްގެ ކައިރިން ސުލްހައިގެ ހައްލެއް ހޯދުން ބުއްދިވެރިކަމަށް އެ ޖަމާއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

އެއްބަސްވުމަކަށް އައުމަށް އުފުއްލަން ޖެހޭ ތަކުލީފުތަކަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ސްޓާނިކްޒާއީ ބުނީ، ހަނގުރާމައެއް ކުރުމަށްވުރެ ސުލްހަ ގާއިމު ކުރުމަކީ މާ އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނިވިދާނެ ކަމުގެ އުއްމީދު އެ އެބައޮތް ކަމަށްވެސް ސްޓާނިކްޒާއީ ވަނީ ފާހަގަކޮށްފައެވެ.

ސްޓާނިކްޒާއީ ވަނީ، އަފްޣާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބު ޒަލްމޭ ޚާލިދުޒާއީއާއިއެކު ފާއިތުވީ މަސްތަކުގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.