ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުން އިރާގާއި ސޫރިޔާގެ ހުރިހާ ސަރަހައްދެއް އަންނަ ހަފުތާ ތެރޭގައި 100 އިންސައްތަ ސަލާމަތް ކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކޯލިޝަން ޕާޓްނަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އައިސިސްއިން ގާއިމުކުރި "ހިލާފަތުގެ" 100 އިންސައްތަ ކޮންޓްރޯލް އެމެރިކާއަށް ލިބޭނެ ކަމަށާއި، އެކަމުގެ ރަސްމީ ބަހެއް އަންނަ ހަފުތާ ތެރޭގައި ލިބޭވަރު ވާނެ ކަމަށެވެ.

ޓްރަމްޕްގެ ވާހަކަފުޅުތައް މިފަދަ ގޮތަކަށް ހުރިއިރު އެމެރިކާގެ އަސްކަރިއްޔާއާއި ޖާސޫސީ އޮފިޝަލުން ވިދާޅުވީ، ޓެރަރިޒަމްއާއި ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި ފިއްތުންތައް ކުރިމަތިކުރެވެމުން ނުދާނަމަ އައިސިސްއިން އަނެއްކާވެސް ނުފޫޒު ގަދަ ކުރަން ފެށުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

އައިސިސް ހަނގުރާމަވެރިން ބަލިކޮށްލެވިއްޖެ ކަމަށާއި، މިއީ އެމެރިކާގެ ސިފައިން 30 ދުވަހުގެ ތެރޭގައި އަނބުރާ ގައުމަށް ގެންނަންވީ ވަގުތު ކަމަށް ވިދާޅުވެ، އެމެރިކާގެ ކޯލިޝަން މެންބަރުންނަށް ޓްރަމްޕް ސިހުން ގެނުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިއާއި ވިދިގެން އެމެރިކާގެ ދިފާއާ ބެހޭ އޮފިޝަލުންތަކެއް މަގާމުން އިސްތިއުފާ ދެއްވުމާ އެކު، ޓްރަމްޕްގެ މި ސިޔާސަތަށް ވަނީ ހިސާބެއްގެ މަޑުޖެހުމެއް ގެންނަވާފައެވެ.

އައިސިސްއާ ދެކޮޅަށް 2014 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ ކޯލިޝަންގައި މިހާރު 80 ގައުމަކުން ވަނީ ބައިވެރިވެފައެވެ.